ސާވިސް ޗާޖްގެ ގޮތުގައި ރިސޯޓުތަކުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ފައިސާއަކުން އެ ފައިސާ މުވައްޒަފުންނަށް ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ، މިއަދުގެ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް މި ބިލުގެ ބަހުސްގައި ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ވާހަކަ ދެއްކެވީ ބިލާ ދެކޮޅަށެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާާކުރުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވުމަށް ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް ނިންމެވިއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާއަށް ގެންނަން މި ބިލުގައި ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ކަނޑައެޅުމަށެވެ.
ގާނޫނަށް އެ އިސްލާހު ގެނެސްފިނަމަ ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭން ޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުންނެވެ. ބިލުގައިވެސް ވަނީ އެގޮތަށް ކަނޑައަޅައިފައެވެ.
މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް ދޭން ޖެހޭ ގޮތަށް ހަމަޖެއްސުމަށް އެ ބިލުގައި ހުށަހަޅާފައިވެއެވެ.
އެގޮތަށް އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކަށް ސާވިސްޗާޖް ދޭން ޖެހޭގޮތަށް މިހާރު ގާނޫނަކު ނޯވެއެވެ. އަދި މިހާރު އޮންނަގޮތުން އެ މީހުންނަށް މުސާރަ ދޭނީ ވެސް ރިސޯޓްތަކުން ނޫނެވެ.
މި ބިލްގައިވާ ގޮތުން ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ހިދުމަތެއް ދިނުމުގެ މަސައްކަތެއްނަމަ އެ މުވައްޒަފަށް ވެސް ސާވިސް ޗާޖް ދޭން ޖެހޭނެއެވެ.
ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި އެ ބިލުގައި ބުނެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖް ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ ކަމަށެވެ.
އެހެންކަމުން މި ބިލަކީ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ހައްގު ފުރިހަމަޔަށް ލިބިދިނުމަށް ހުށަހަޅާ ބިލެއް ކަމަށްވެސް ބިލުގައިވެއެވެ.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
މިހާރު ޑޮލަރުން ނުދެނީ ކޮން ރެޒޯޓުތަކަކުންތޯ ސާވޭއެއް ނުކޮށްލެވޭނެތޯ....
ޢިސްމާލު - 2 މަސް ކުރިން