ސަރުކާރުން މަޝްވަރާގެ މޭޒުދޮށަށް އަންނަން ޖެހޭ ކަމަށާއި މަޝްވަރާނުކުރާ ނަމަ، އިދިކޮޅު އެމްޑީޕީގެ މަގުމަތީގެ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިރޭ ބޭއްވި އެއްވުމުގައި، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ރައީސް ނަޝީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ އެއްވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެ މިއޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި މި ހާލަތުން އަރައިގަތުމަކީ ސަރުކާރުގެ އިތުރުން ހުރިހާ ރައްޔިތުންނަށް ވެސް އޮތް ވާޖިބެއް ކަމަށެވެ. އަދި އެންމެ ފަހުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން އެދުނީ ވޯޓު ގިނައިން ނެގުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އޮނިގަނޑަށް އެބަ ބަދަލު ގެންނަން ޖެހޭ ކަމަށާއި އެހެންކަމުން މަޝްވަރާގެ މޭޒުދޮށަށް ވަޑައިގެން މަޝްވަރާ ފެއްޓެވުމަށް ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މި ރާއްޖެ ދޫކޮށްލެވޭކަށް އަޅުގަނޑުމެންނަކަށް ނެތް. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ލިބެންވާ ހައްގުތައް ވެސް، އަދި އެ ރައްޔިތުންނަށް ލިބެންވާ ތަނަވަސްކަން ވެސް، ހިތްހަމަޖެހުން ވެސް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް. ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ، ނޫނީ އަޅުގަނޑުމެން ތާއަބަދު މި މަސައްކަތްކުރުމުގައި މަގުމަތީގައި ދެމިތިބޭނަން. ރާއްޖޭގެ ރަށްރަށަށް ވެސް އަޅުގަނޑުމެން ދާނަން، ރައީސް މުއިއްޒާއި ސަރުކާރު އަޅުގަނޑުމެންގެ މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެމިތިބޭނަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މަޝްވަރާއަށް ގޮވާލެއްވި ނަމަވެސް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެމްޑީޕީއާ މަޝްވަރާކުރުމަކީ ރައްޔިތުން އެ މަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓުން ބޭރު ކަމެއް ކަމަށާއި މެނިފެސްޓޯގައި ހިމެނޭ ކަންކަން ކުރުމަށް ރައްޔިތުން ހަވާލުކޮށްފައިވަނީ ފަސް އަހަރުގެ ދައުރެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ހަވާލުކޮށްފައިވާ މެންޑޭޓުގައި ހިމެނޭ ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ދެކުދިން އެއްވުލޫ ކޮށްގެން ނަމާދު ކަމުދާ މީހަކޫ ރައްޔިތުންގެ ހައްގުތައް ހޯދުމަކީ އަވާމެންދުރެއް.
ބަޗީ - 2 މަސް ކުރިން