ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން މަސައްކަތްކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ދޮގުކުރައްވައިފިއެވެ.

ބައެއް މީޑިއާތަަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ނާޒިމް ވަކިކުރުމުގެ މަސައްކަތްތައް ޕީއެންސީން ވަނީ ފަށައިފައެވެ.

އެ ވާހަކަތަކާ ގުޅިގެން ފަލާހުއާ "ވަން" އިން ސުވާލުކުރުމަށް އޭނާ މިރޭ ވިދާޅުވީ އެއީ "ބޮޑު ދޮގެއް" ކަމަށެވެ.

ނާޒިމް މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނީ، މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން އޭނާ ވަކިކުރުމާ ގުޅިގެންނެވެ. އެއީ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިންނެވެ.

އޭގެ އިތުރުން، މަޖިލީހުގެ ތެރޭގައި ނާޒިމް އަމަލުކުރައްވާ ބައެއް ގޮތްތަކާ މެދު ޕީއެންސީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގައި ބޮޑު އަގުލަބިއްޔަތެއް އޮތް އިރު، މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އިންތިހާބުކޮށްފައިވަނީ ވެސް ޕީއެންސީގެ ފުރިހަމަ ތާއީދާއެކުގައެވެ.

ޕީއެންސީއަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕާޓީއެވެ. ޕާޓީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުޅޭކަމަށް ދޭތެރެދޭތެރެއިން މީޑިއާގައި ހަބަރު ފެތުރުނު ނަމަވެސް، ޕާޓީގެ އިސްވެރިން ގެންދަވަނީ އެފަދަ ވާހަކަތައް ދޮގުކުރައްވަމުންނެވެ.