ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށި/ މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ފަސްވަނަ ދުވަހު ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވާނީ މިއަދަށެވެ.

"އާދަމް އަދްލާން ލަތީފް ހައްޔަރުކޮށްފައިވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، މި ވޮލެޓުން އާދަމްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވުމާ ގުޅިގެން،" ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދި އިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައްވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެ ކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ދިވެހި ފުލުހުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން، އެފަދަ އަނިޔާ ލިބޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ހޯދައި އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެންހުރި އެންމެހައި މަސައްކަތްތައް ފުލުހުންގެ ހިދުމަތުން ކުރަމުންދާނެކަމުގެ ޔަގީންކަން އެ މުއައްސަސާއިިން ދެއެވެ.