އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމްއާއި ކްރިސްޓަލް ޕެލެސް ވާދަކުރި މެޗު އެއްވަރުވުމުން ވުލްވްސް ރެލިގޭޓް ވެއްޖެއެވެ.

ރޭ ވެސްޓް ހޭމްއާއި ޕެލެސް ވާދަކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. ލީގުގައި ބާކީ ފަސް މެޗު އޮއްވާ ވުލްވްސް ރެލިގޭޓްވީ ތާވަލުގެ ފުލުގައި 33 މެޗުން 17 ޕޮއިންޓާއެކު އޮތުމުންނެވެ. އެޓީމު މިވަގުތު އޮތީ 17 ވަނައިގައި އޮތް ވެސްޓް ހޭމްއަށްވުރެ 16 ޕޮއިންޓް ފަހަތުގައެވެ. އެހެންކަމުން މިހާރު ވަނީ ސަލާމަތް ނުވާނެކަން ޔަގީންވެފައެވެ.

ވުލްވްސް މިފަހަރު ޕްރިމިއާ ލީގުން ރެލިގޭޓްވެފައި މިވަނީ އަށް އަހަރު ފަހުންނެވެ. އެޓީމުން 2009 ވަނަ އަހަރުން 2012 ވަނަ އަހަރަށް ޕްރިމިއާ ލީގުގައި ކުޅުމަށްފަހު އެފަހަރު ރެލިގޭޓްވެ، 2013-14 ވަނަ އަހަރުގެ ސީޒަނުގައި ތިންވަނަ ޑިވިޝަނަށްވެސް ވެއްޓިފައިވެއެވެ. އޭގެފަހުން ހަތަރު އަހަރު ދެވަނަ ޑިވިޝަނުގައި ކުޅުމަށްފަހު އެނބުރި އައީ 2018 ވަނަ އަހަރުއެވެ.

ރެލިގޭޝަން ޔަގީންވެފައިވާ ވުލްވްސްއަށް މި ސީޒަނުގައި އެންމެ އުނދަގޫކޮށް ދިޔައީ ސީޒަނުގެ ފުރަތަމަ ބައެވެ. އެންމެ ފުރަތަމަ ކުޅުނު 19 މެޗުންވެސް އެޓީމު މޮޅުވެފައެއް ނުވެއެވެ.