އީރާނާއި އެމެރިކާގެ މަންދޫބުންގެ މެދުގައި މަޝްވަރާގެ އައުބުރެއް ފެށުމަށްޓަކައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު އެދަނީ ތައްޔާރުވަމުންނެވެ. އިސްލާމްއާބާދުގެ ރެޑްޒޯނާއި އެނޫންވެސް ބައެއް ޒޯނުތައް މިހާރުވަނީ އާއްމުންނަށް ބަންދުކޮށްފައެވެ. ފާއިތުވި ސައުވީހަކަށް ގަޑިއިރު ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ ވަރަށް ގިނަ ބޯޓުފަހަރު އިސްލާމްއާބާދުގައި ޖައްސައިފިއެވެ. އަދިވެސް ޖައްސާނެއެވެ. އެމެރިކާއިން ފޮނުވާ އެޑްވާންސް ޓީމުތައް މިހާރުވީ އިސްލާމްއާބާދުގައެވެ. އޭގެތެރޭގައި ބަޑިހަރުކުރި އުޅަނދުތަކާއެކު ހަރަކާތްތެރިވާ ސިކިއުރިޓީ ޓީމުތައްވެސް ހިމެނެެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ދެންލަސްތަކެއް ނުވެ އެމެރިކާގެ މަންދޫބުންވެސް ޕާކިސްތާނަށް ވަޑަައިގެންފާނެކަން އިއުލާނުކޮށްފައެވެ. މި ޓީމުގައި ހިމެނޭނެކަމަށް ބެލެވޭ މީހުންގެ ތެރޭގައި އެމެރިކާގެ ނާއިބުރައީސް ޖޭޑީ ވޭންސާއި ރައީސް ޓްރަމްޕުގެ ޚާއްސަ މަންދޫބުން ކަމުގައިވާ ސްޓީވް ވިޓްކޯފާއި ޖަރެޑް ކުޝްނާރ ހިމެނެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ސެންޓްރަލް ކޮމާންޑުގެ ވެރިޔާއާއި އެމެރިކާގެ މާލިއްޔާއާއި ޚާރިޖިއްޔާގެ ސީނިއަރ ވެރިންވެސް މި ވަފުދުގައި ހިމެނޭނެއެވެ. މިއެންމެން ހޯމަދުވަހުގެ ނިޔަލަށް އިސްލާމްއާބާދަށް ގޮސް ނިމޭނެއެވެ. އިސްލާމްއާބާދަށް ދިއުމަށްޓަކައި ނާއިބުރައީސް ޖޭޑީ ވޭންސް ވަނީ މިހާރުވެސް ދަތުރު ފަށައިފައެވެ. ކޮންމެއަކަސް އިސްލާމްއާބާދުގައި އަޅަމުންދާ ސަލާމަތީ ފިޔަވަޅުތަކަށް ބަލާއިރު އެމެރިކާއިން ފޮނުވާ މަންދޫބުންނަކީ ވަރަށްވެސް މަތީފެންވަރުގެ މަންދޫބުންކަން އެބައެނގެއެވެ. އެކަމަކު އެއްކަމެއް އަދިވެސް އޮތީ ޝައްކެއްގެ ތެރޭގައެވެ. އީރާނުން މި މަޝްވަރާތަކަށް ވަފުދެއް ފޮނުވާނެކަން އަދިއޮތީ ޝައްކެއްގެ ތެރޭގައެވެ. އީރާނުން އެންމެފަހުން ބުނެފައިވަނީ ކަނޑުފޭރުމުގެ އަމަލުތައް އެމެރިކާއިން ހުއްޓާނުލާ ކަމުގައިވަނީ ނަމަ އެމެރިކާޔާއެކު ދައްކާނެ ވާހަކައެއް، ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމުގައެވެ. މަޝްވަރާޔަށްޓަކައި އިސްލާމްއާބާދަށް ވަފުދެއްވެސް ނުފޮނުވާނޭ ކަމުގައެވެ.

މިއެންގުން އީރާނުން އަންގާފައިވަނީ ހޮރުމުޒް ކަނޑުއޮޅިން ބޭރުގައި އީރާނުގެ މުދާއުފުލާ އާގުބޯޓެއް އެމެރިކާގެ ކަނޑުގެ ސިފައިން ހިފެހެެއްޓުމުންނެވެ. މިއީ އީރާނުގެ އެންމެހައި ބަނދަރުތައް ހިސާރު ކުރުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިހާރު ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން ކުރިކަމެކެވެ. ރައީސް ޓްރަމްޕު ވަނީ އީރާނާ ދެކޮޅު ބްލޮކޭޑެއް އިއުލާނުކޮށްފައެވެ. މި ބްލޮކޭޑް ގާއިމުކުރިފަހުން އީރާނުގެ ބޯޓެއް ހިފެހެއްޓި މިއީ ފުރަތަމަ ފަހަރެވެ. މި ބޯޓު ހިފެހެެއްޓުމާއެކު އީރާނުން ވަނީ މިއީ ކަނޑުފޭރުމެއް ކަމަށް ސިފަކޮށް އެމެރިކާގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެމެރިކާގެ ބްލޮކޭޑް މުޅިން އުވާނުލާހާ ހިނދަކު އެމެރިކާޔާއެކު މަޝްވަރާއެއް ނުކުރާނޭ ކަމަށާއި އިސްލާމްއާބާދަށް އީރާނުގެ ވަފުދެއް ނުފޮނުވާނޭކަމަށްވެސް ވަނީ އަންގައިފައެވެ. މިކަން މިހެންއޮތީމާ ދެގައުމުގެ މެދުގައި އަންގާރަ ދުވަހު މަޝްވަރާތައް ފެށިދާނޭކަމާމެދު ސުވާލު އުފެދޭގޮތް ވަނީއެވެ.

އެހެނެއް ނޫނެވެ. އެމެރިކާގެ ބްލޮކޭޑް މިހާރުވެސް އުވާލަނިކޮށް އީރާނުގެ ވަފުދު އިސްލާމްއާބާދަށް ހިނގައިދާނެއެވެ. ބޯޅައެއޮތީ އެމެރިކާގެ ފަޅީގައެވެ. މަޝްވަރާތަކެއް ފެށުމުގައި އެމެރިކާގެ ނިޔަތް ބަރާބަރިއްޔާ ބްލޮކޭޑް އުވައިލާނެއެވެ. ކަނޑުފޭރުމުގެ އަމަލުތައް ހުއްޓައިލާނެއެވެ. ޖަވާބު ނުލިބޭ ސުވާލަކީ މިކަންކަން އެމެރިކާއިން ކުރާނެތޯއެވެ. މި ސުވާލުގެ ޖަވާބު ދެނެގަތުމަށްޓަކައި ރައީސް ޓްރަމްޕުގެ ސްޓައިލްވެސް ދެނެގަންނާން ޖެހެއެވެ. އޭނާއަކީ ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ އޭބީސީޑީއަށް ތަބާވާ މީހެއް ނޫނެވެ. އޭނާ ގެންގުޅެނީ މުޅިން އަމިއްލަ ސްޓައިލެކެވެ. ބިރުދެއްކުމާއި ގަދަކަމުން ކަންކަން ކުރުވުމުގެ ސްޓައިލެކެވެ. އީރާނު އޮތީ ބަލިވެފައެއް ނޫނެވެ. އީރާނުގެ ޕޮޒިޝަންވެސް ވަރަށް ސާފެވެ. ގަދަކަމުން ކަންކަމެއް ނުކުރެވޭނެއެވެ. މަސްލަހަތު ގުރުބާނެއް ނުކުރާނެއެވެ. ރަތްރޮނގުތައް ހުރަހެއް ނުކުރާނެއެވެ. އެކަންކަމަށް އެމެރިކާއިން އިހުތިރާމް ކުރާނަމަ މަޝްވަރާތަކުގައި ބައިވެރިވާން ތައްޔާރެވެ. އީރާނުގެ ވަފުދުވެސް އިސްލާމްއާބާދަށް ދާނެއެވެ.

ހަނގުރާމަ މިވަގުތު އެއޮތީ ހުއްޓިފައެވެ. ހަމަލާތައް ވަނީ މެދުކެނޑިފައެވެ. އެކަމަކު އެއީ ވަގުތީގޮތުންނެވެ. ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. މިދެންނެވި އެއްބަސްވުމުގެ މުއްދަތު މި ހަފުތާގެ ބުދަދުވަހަށް ހަމަވާނެއެވެ. އައު އެއްބަސްވުމެއް ފައިދާ ނުކުރެވިއްޖެނަމަ ހަމަލާތައް އަލުން ފެށުމުގެ ބިރު އެބައޮތެވެ. އައު އެއްބަސްވުމެއް ފައިދާ ކުރެވޭނީ ވާހަކަތަކެއް ދެކެވިގެންނެވެ. ވާހަކަތަކެއް ދެކެވޭނީ ދެފަރާތުގެ ވަފުދު އެއްތަން ވެގެންނެވެ. އެހެންވީމާ ބައިނަލްއަގުވާމީ މުޖުތަމައުގެ އުންމީދަކީ އަދި އެދުމަކީ ކުރިން ބަޔާންކުރެވުނު މުއްދަތު ހަމަވުމުގެ ކުރިން މަޝްވަރާތައް ފެށުމެވެ. ދެފަރާތުގެ މަންދޫބުން އެއްތަންވުމެވެ. މުއްދަތު ހަމަވާން ބާކީ މިހާރުއޮތީ ދެ ދުވަހެވެ. އީރާނުގެ ވަފުދު އިސްލާމްއާބާދަށް ދާނެތޯ ނުވަތަ ނޫންތޯއާމެދު އީރާނުގެ ފަރާތުން އެންމެފަހުން ވާހަކަ ދެއްކެވީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މެންބަރެެކެވެ. އިންގިލާބީ ގާޑުންގެ ކުރީގެ ކޮމާންޑަރެކެވެ.

އެބޭފުޅަކީ އިބްރާހިމް އަޒީޒީއެވެ. ހޯމަދުވަހު ބައިނަލްއަގުވާމީ މީޑިޔާއަށް ދެއްވި އިންޓަރވިޔުއެއްގައި އަޒީޒީ ވިދާޅުވީ ވާހަކަ ދައްކަން އީރާނު ބޭނުން ކަމުގައެވެ. ވާހަކަތައް ފަށަންވެސް ތައްޔާރު ކަމުގައެވެ. އެކަމަކު އެއީ އީރާނަށް އަދާނުކުރެވޭ ކަހަލަ ބޮޑު އަގެއް އަދާކޮށްގެން ނޫންކަމުގައެވެ. އޭނާ ވިދާޅުވީ އީރާނުން އޮތީ ރަތް ރޮނގުތަކެއް ގާއިމުކޮށްގެން ކަމުގައެވެ. ވާހަކަތައް ފެށުމުގައި އެމެރިކާގެ ތެދުވެރި ނިޔަތެއް އޮތިއްޔާ އެ ރޮނގުތައް ހުރަސްކުރަން ނޫޅޭނެ ކަމުގައެވެ. އަޒީޒީވެސް މި އިޝާރާތް ކުރައްވަނީ އެންމެ ކަމަކަށެވެ. އެމެރިކާއިން ގާއިމުކޮށްފައިވާ ބްލޮކޭޑަށެވެ. އެވިދާޅުވާ ވާހަކަފުޅަކީ ބްލޮކޭޑް އުވައިނުލަންޏާ ނުވަތަ އުވައިލާނެ ކަމުގެ ޔަގީންކަން ސާފުބަހުން ނުދެންޏާ އެމެރިކާޔާއެކު މަޝްވަރާއެއް ނުކުރާނޭ ކަމުގައެވެ. ކޮންމެއަކަސް އެއޮތީ އީރާނުގެ ޕޮޒިޝަނާއި އެމެރިކާގެ ޕޮޒިޝަން އޮތްގޮތެވެ. ކުރިއަށް ދެ ފިޔަވަޅު އެޅިއްޔާ ފަހަތަށް އެއްފިޔަވަޅެވެ. މަޝްވަރާތައް ފެށުނީމާ ނޫނީ ފެށޭނެކަންވެސް އެހެންބަޔަކަށް ލަފާކުރާކަށް ނޭގޭނެއެވެ.