އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބު ޖެރެޑް ކުޝްނަރ އާއި ހަމާސްގެ އިސްވެރިން އިއްޔެ މިސްރުގައި ބައްދަލުކުރައްވައިފިއެވެ.
ފަރަންސޭސިވިލާތުގެ ނޫސް އޭޖެންސީ އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިސްރުގެ އަލް-އަލަމައިންގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިސްރާއީލުން ދެކޮޅުހަދާފައިވާ ގައްޒާގެ ސުލްހައިގެ ޕްލޭނަކާ ގުޅޭގޮތުންނެވެ. ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ އެ އޭޖެންސީން ބުނި ގޮތުގައި، ހަމާސް އިން ހަތިޔާރު ދޫކޮށްލުމަށާއި، މުސްތަގުބަލުގައި ގައްޒާ ހިންގުމުގައި އެ ޖަމާއަތުގެ އެއްވެސް ދައުރެއް ނޯންނާނެ ގޮތް ހެދުމަށް ކުޝްނަރ ވަނީ ބާރުއަޅުއްވާފައެވެ.
މި ބައްދަލުވުމުގައި ހަމާސްގެ ފަރާތުން އިސްކޮށް ހުންނެވީ އެ ޖަމާއަތުގެ ލީޑަރު ހަލީލް އަލް-ހައްޔާއެވެ.
އޭއެފްޕީން ބުނި ގޮތުގައި، ސުލްހައިގެ އެއްބަސްވުމަށް އެ ޖަމާއަތުން ފުރިހަމަޔަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ހަމާސްގެ ލީޑަރުން ވަނީ މި ބައްދަލުވުމުގައި ތަކުރާރުކުރައްވައިފައެވެ. މީގެ އިތުރުން، އެމެރިކާގެ މަންދޫބުންގެ ގޮތުގައި ނިކޮލޭ މިލަޑެނޯވް އާއި ޓޯނީ ބްލެއަރގެ އިތުރުން، މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ މިސްރާއި، ގަތަރު އަދި ތުރުކީވިލާތުގެ އިސް ޑިޕްލޮމެޓުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.
ކުޝްނަރގެ މި ދަތުރުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކަކީ ގައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އިސްވެ އޮވެ އެކުލަވާލާފައިވާ ޕްލޭން ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުންތަކެއް ކަމަށް އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް