ރާއްޖޭގެ ފުޓްސަލް ޓީމު ރަސްމީވި ތާރީހާ ގުޅޭގޮތުން ފާހަގަކުރެވުނު ވާހަކަ ރަނގަޅަށް އޮޅުންފިލުވައިދީ، ފުޓްސަލް ކުޅުންތެރިންނަށް ދިމާވެފައިވާ އުނދަގޫތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެއެވެ.
ރާފިއު އެހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައެވެ. ރާފިއު މީގެ ކުރިން މިމަހުގެ 13 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި ވިދާޅުވީ ފުޓްސަލް ގައުމީ ޓީމު އެކުލަވާލާފައިވަނީ 2 ޑިސެމްބަރު 2025 ވަނަ އަހަރު ކަމަށެވެ. އަދި އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމެއްގެ ގޮތުގައި ފުޓްސަލް ރަސްމީކޮށް އެފްއޭއެމްއިން އެކުލަވާލި ތާރީހު ކަމަށްވެސް ރާފިއު ވިދާޅުވިއެވެ.
އެކަން މިނިސްޓަރު ފާހަގަކުރެއްވީ ފުޓްސަލްއަށް ގައުމީ ޓީމުގެ އިނާޔަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހަމަނުޖެހޭ ކަމަށް ކުޅުންތެރިންނާއި އާންމުންވެސް ފާހަގަކޮށްފައި ވަނިކޮށް، އެކަމުގައި ދެއްކެވި ވާހަކަފުޅެއްގައެވެ.
މިއަދުގެ ޕްރެސްގައި މިނިސްޓަރު ވަނީ އެކަމުގައި އެރި އޮޅުން ރަނގަޅު ކޮށްދެއްވައިފައެވެ.
"ފުޓްސަލްގެ ދެޓީމެއް އެބަ އުޅޭ، އަޅުގަނޑު ދެކޭ ގޮތުގައި އަންހެން ޓީމު ވަރަށް ފަހުން ފޯމު ވެގެންދިޔައީ. އެއީ އެއްކަންތައް، ދެން އަނެއް ކަމަކީ އަހަރެއް ނުވެސްވޭ އަދި ފޯމު ވީ ފަހުން، އެހެންވީމަ އެތަންކޮޅު އަޅުގަނޑު ރަނގަޅުކޮށްލަން ބޭނުން. ދެން، ފުޓްސަލް ޓީމު (ގައުމީ ފިިރިހެން ފުޓްސަލް ޓީމު) ކުޅެފައި އެބައޮތް ރާއްޖޭން އެކި މުބާރާތްތަކުގައި މީގެ ކުރީގައި ވެސް،" ކުރިން ދެންނެވި ތާރީހަކީ އަންހެން ޓީމަށް ބިނާކޮށް ވިދާޅުވި ވާހަކައެއްކަން ރާފިއު ސާފުކޮށްދެއްވިއެވެ.
ރާއްޖޭގެ ފުޓްސަލްއަކީ މިވަގުތު ސަރަހައްދީ ލެވެލްގެ އެއްވަނައެވެ. ދާދިފަހުން ތައިލެންޑުގެ ނޮންތަބުރީގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތުގެ ފިރިހެން މުބާރާތް، ރާއްޖޭން ކާމިޔާބު ކުރިއެވެ.
އޭގެފަހުންވެސް ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލިބޭ އިނާޔަތްތަކާއި އިންޝުއަރެންސް ނުލިބޭތީ، އެކަމުގެ ކަންބޮޑުވުންތައް ހުރި އިރު، ރާފިއު ވަނީ އެކަންކަން ހައްލު ކުރައްވާނެކަން ފާހަގަކޮށްފައެވެ.
"ގިނަ ބޭފުޅުންގެ ސުވާލެއް އެއީ، މިސާލަކަށް، ސްޕޯޓްސް އެވޯޑްގައި ފުޓްސަލް ޓީމުގެ ނަން ނާންނަނީ ކީއްވެތޯ، ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ ކީއްވެތޯ. މި ކަހަލަ ސުވާލުތަކެއް އެބަ އާދޭ. ހުޅުވާލެވިގެން ނެޝަނަލް މުބާރާތެއް ކުރިއަށްގެންދަން އެބަޖެހޭ، ނެޝަނަލް މުބާރާތެއް ކުރިއަށް ގެންދަން ޖެހޭ ގައުމީ ކުޅިވަރުތަކުގައި. ހުޅުވާލެވިގެން ގައުމީ މުބާރާތެއް އެއް އަހަރު ދުވަހުގައި ކުރިއަށްގެންދެވިގެން، އެޕެޓާން އެހިސާބަށް ދިޔައީމަ މުސާރަ ދޭ ހިސާބަށް މި ދަނީ. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެކަން ފަހިވެގެންދާނެ، އެފްއޭއެމްގައި މިހާރު ވެސް އެ ވަނީ އޮފިޝަލީ ފިރިހެން ޓީމު ވެސް ރަޖިސްޓްރީ ކުރެވިފައި، އަންހެން ޓީމު އޮތަސް، އަންހެން ޓީމާ ވެސް އެއްކޮށް އެ ބީދައިން އަޅުގަނޑުމެން ކުރިއަށްގެންގޮސް، އިރާދަކުރެއްވިއްޔާ އެއީ ބަޖެޓް ކޮށްގެން ކުރަންޖެހޭ ކަމެއް ވީމަ، މުސާރައިގެ ކަންތައް ވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ،" ރާފިއު ވިދާޅުވިއެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދާދި ފަހުން ދޭން ހަމަޖެއްސި އިންޝުއަރެންސްގެ ކަންކަން ވެސް ފުޓްސަލް ޓީމަށް ހަމަޖެހިގެންދާނެ ކަމަށް ރާފިއު ވަނީ ޔަގީންކަން ދެއްވައިފައެވެ.ރާފިއު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް ލައިގެން ފުޓްސަލް ކުޅުންތެރިންގެ މުސާރަ ދޭން ފެށޭނެ ކަމަށެވެ.
ރާފިއު އެހެން ވިދާޅުވެފައިވާ އިރު، އެފްއޭއެމް އިން މި އަހަރަށް އެކުލަވާލި ކަލަންޑަރާއި ފާސްކުރި ބަޖެޓުގައި ފުޓްސަލް މުބާރާތްތަކެއް ކުރިއަށްގެންދަން ވަނީ ހިމަނައިފައެވެ. އެއީ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕާއި އެފްއޭއެމް ފުޓްސަލް ލީގުގެ އަންހެން އަދި ފިރިހެން މުބާރާތެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު