ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް އަމްޖަދު އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އަމްޖަދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދު ކަމަށެވެ.

ނަމަވެސް އަމްޖަދު އިސްތިއުފާ ދެއްވި ސަބަބެއް އޮފިޝަލެއް ހާމައެއް ނުކުރައްވައެވެ.

އަމްޖަދު ވަނީ އީސީގެ ނައިބު ރައީސްކަމުގެ އިތުރުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވައިފައެވެ. އޭގެ އިތުރުން އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ.

އަމްޖަދު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީއާއި އިނގިރޭސި ވިލާތުގެ އެންޑް ގްލިއާ ރަސްކިން ޔުނިވާސިޓީން ބިޒްނެސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލުކުރައްވައިފައެވެ.