ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް އައްޔަނުކޮށްފިއެވެ.

މި ސަރުކާރުން އުވާލި، ލޯކަލް ކައުންސިލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ފަތުހީ، ޕީއެންސީގެ އެސްޖީގެ މަގާމަށް އައްޔަންކޮށްފައިވާކަން އިއުލާނުކޮށްފައިވަނީ މިއަދު އެ ޕާޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

މޫސާ ފަތުހީއަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) އަށް ރައީސް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އައްޔަންކުރައްވާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއަށެވެ.

މޫސާ ފަތުހީއަކީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުއާޒު ހަލީމް މިދިޔަ ހޮނިހިރު ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެ މަގާމުން އިސްތިއުފާ ދެއްވައި އެކްސްގައި މުއާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް، ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށެވެ.

ޕީއެންސީގެ ލީޑަޝިޕްގައި ލީޑަޝިޕްގައި ދިހަ މެންބަރުން ތިއްބަވާއިރު ހަތް ނައިބު ރައީސުން ތިބެއެވެ. އޭގެ ތެރޭގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ކުރީގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި، ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ އިތުރުން އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލެވެ.

ޕީއެންސީގެ ރައީސް އަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޗެއާޕާސަންއަކީ، މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲއެވެ.