އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އޮސްޓްރޭލިއާ ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓު ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު އިއްޔެ ކުރިޔަށްގެންދިޔަކަމަށެވެ.
އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިން ނޭވަލް ބޭސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާއާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ.
އެ އުޅަނދަކީ، އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2025ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިއުލާނުކުރެއްވި އުޅަނދެކެވެ.
މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
"މި އުޅަނދަކީ، ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް." އެމްއެންޑީއެފުން ބުންޏެވެ.
ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް، ބްރިގޭޑިއާ ޖެނެރަލް ސަލީމް ވަނީ، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގު ނުކުރެވޭ ފަދަ އެހީއެއްކަން ފާހަގަކުރައްވައި، އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.
"އަދި، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާގެ ވާހަކައިގައި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވި." އަސްކަރީ ކަނޑުމަތީގެ ސަގާފަތާއި އާދަކާދައާއި އެއްގޮތަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، އުޅަނދު ހަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރުގެ ކޮމާންޑިން އޮފިސަރާއި ކްރޫން ވަނީ މަނަވަރަށް އަރައި، ރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފައި." އެމްއެންޑީއެފް އިން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް