ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިއަދު ފަށަން ތައާވަލް ކޮށްފައިވާ އެމެރިކާއާއި އިރާނުގެ ސުލްހައިގެ ބައްދަލުވުމަށް ދިއުމަށް އިރާނުން އެއްބަސްވެފައި ނުވާނެކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އިރާނުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ދެވަނަ ބުރުގެ ބައްދަލުވުމަށް އެމެރިކާއިން ވަނީ ބޮޑެތި ޑިމާންޑުތަކެއް ތައްޔާރުކޮށްފައެވެ. އެ ޑިމާންޑުތަކަކީ އަސްލެއް ނެތް ޑިމާންޑުތަކެއް ކަމަށް އިރާނުގެ އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި އެމެރިކާއިން ކުރަމުންދާ ޑިމާންޑުތަކަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވާނޭ ޑިމާންޑުތަކެކެވެ.

އިރާނާއި އެެމެރިކާއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަށްފަހު ސުލްހައިގެ މަޝްވަރާއަށް ޕާކިސްތާނުގައި ފުރަތަމަ ކުރިޔަށްގެންދިޔަ ބައްދަލުވުން ވަނީ ކޮޅެއްގައި ނުޖެހި ނިންމާލަން ޖެހިފައެވެ.

މަޝްވަރާގެ ދެވަނަ ބުރަށް އެމެރިކާއިން ބައިވެރިވާ ވަފުދު މިއަދުގެ ވަގުތެއްގައި ޕާކިސްތާނަށް ދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓްރޫތް ސޯޝަލް މެދުވެރިކޮށް ވިދާޅުވެފައިވެއެވެ.