އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ނިންމަވައިފިއެވެ.

"ބޮޑު ބަދަލު"ގެ ނަމުގައި ފައްޔާޒުއާއި ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލުތަކެއްގެ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅުއްވައިފައެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރު ހިންގާ ފަރާތަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ކަނޑައެޅުމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެ ބަދަލުތައް ގެންނަން 2028 އާ ހަމައަށް މަޑުކުރަން ބޭނުން ނުވާ ކަމަށާއި، އަންނަ ހަފުތާގައިވެސް މި ބަދަލުތައް ގެންނަން ބޭނުންވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ އިސްލާހުތައް ގެނައުމަށްޓަކައި އެމްޑީޕީގެ އެތެރޭގެ ތާއީދު ހޯދުމަށް މަސައްކަތްވެސް ކުރާނެ ކަމަށެވެ.

"އަދި، އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި، އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި އިސްލާހުތަކުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނެވެ. އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ ވޯޓުން ކަމަށް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، ދައުލަތުގެ އެންމެ މަތީވެރިޔާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުންކަމަށް އެ ހުށަހެޅުމުގައިވެއެވެ.