ރާއްޖެއަށް ގިނަ އަދެއްގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް ހައްޔަރުކުރި އިންޑިއާ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ދެ ކިލޯއަށްވުރެ ގިން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި މައްސަލައިގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ހައްޔަރު ކުރީ އިންޑިއާއަށް ނިސްބަތްވާ ޖެނިފާ ޕައުލް (34އ) އާއި އުލްފަތު ރަސޫލް (23އ) އެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރު މި މަހުގެ ހަތް ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކުރިއެވެ.

ނަމަވެސް އެ މުއްދަތު ހަމަވާތީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދި، ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އެ ދެ މީހުން އިތުރު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެއިތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.