އިޒްރޭލުން ލުބުނާނަށް ދެމުންއައި ހަމަލާތައް ހުއްޓާލަން އެއްބަސްވުމާއެކު ހޮރުމުޒް ކަނޑުއޮޅި ބައިނަލްއަގުވާމީ ވިޔަފާރީގެ އެންމެހައި ދަތުރުފަތުރަަށް ހުކުރުދުވަހުން ފެށިގެން ހުޅުވާލައިފިކަން އީރާނުން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ. އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީ ވިދާޅުވި ގޮތުން ހޮރުމުޒް ކަނޑުއޮޅި އީރާނުން ހުޅުވައިލީ ބައިނަލްއަގުވާމީ ވިޔަފާރިއަށެވެ. ބައިނަލްއަގުވާމީ ވިޔަފާރިއަކީ މުދާއުފުލާ ބޯޓުފަހަރާއި ޕެސިންޖަރުން އުފުލާ ބޯޓުފަހަރުގެ ދަތުރުފަތުރެވެ. އޭގެތެރޭގައި އަސްކަރީ އުޅަނދުތަކެއް ނުހިމެނެއެވެ. މާނަޔަކީ އެއްވެސް ގައުމެއްގެ މަނަވަރަކަށް އަދި ސަބްމެރީނަކަަށް ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަދޭން އީރާނުން އަދި ބޭނުންނުވުމެވެ. ބައިނަލްއަގުވާމީ ވިޔަފާރިއަށް ހޮރުމުޒް ކަނޑުއޮޅި ހުޅުވައިލިކަމަށް ވިޔަސް އީރާނުގެ އަސްކަރިއްޔާއަށް ދުރާލައި އަންގައި ހުއްދަހޯދަން ޖެހޭނެކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މިކަން މިހެންއޮތީމާ ހަނގުރާމަ ފެށުމުގެ ކުރިން އޮތް ހާލަތަށް ހޮރުމުޒް އަދި ނުދެއެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ހުރިހާ ގައުމެއްގެ ހުރިހާ ބާވަތެެއްގެ އުޅަނދަކަށްވެސް ހޮރުމުޒް އޮތީ ހުޅުވިފައެވެ. އީރާނުގެ ހުއްދައެއް ބޭނުމެއް ނުވެއެވެ. މިހާރު އެ ހުއްދަ ނަގަން ލާޒިމުވެއްޖެއެވެ. ހޮރުމުޒް ކަނޑުއޮޅި ހުޅުވައިލި ކަމަށްވިޔަސް އީރާނާ ދެކޮޅަށް އެމެރިކާއިން ގާއިމުކުރި ބްލޮކޭޑް އަދިވެސް ދެމިއޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބުނެފައެވެ. ޓްރަމްޕު ބުނާގޮތުން ބްލޮކޭޑް އުވައިލާނީ ދާއިމީ އެއްބަސްވުމެއް ގާއިމުކުރެވުނު އިރަކުންނެވެ. ޓްރަމްޕުގެ ބްލޮކޭޑަކީ އީރާނަށް މިހާރުވެސް މާބޮޑު މައްސަލައެއް ނޫނެވެ. އެ ބްލޮކޭޑަކީ އެމެރިކާއަށް ތަންފީޒު ކުރެވޭ ބްލޮކޭޑެއްވެސް ނޫނެވެ. ހަމައެކަނި ނަމުން ބްލޮކޭޑެކެވެ. ކޮންމެއަކަސް ޓްރަމްޕު އެ އިޝާރާތްކުރާ ދާއިމީ އެއްބަސްވުން ފައިދާކުރުމުމަށްޓަކައި މިފެށޭ ހަފުތާގައި އެމެރިކާޔާއި އީރާނުގެ މަންދޫބުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އަނެެއްކާވެސް އެއްތަންވެ ސައްލާތައް ފަށާނެއެވެ. އެހެންވީމާ އުންމީދުތައް ދަނީ އާވަމުންނެވެ.
އީރާނުން ކުއްލިގޮތަކަށް ހޮރުމުޒް ކަނޑުއޮޅި ހުޅުވައިލި ހުޅުވައިލުން ދެމިއޮންނާނެ ކަމަށް އީރާނުންވެސް ބުނަނީ ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމަށް ވެވިފައިވާ އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތަށެވެ. އެއީ ދެ ހަފުތާއެވެ. އެ މުއްދަތު މިހަފުތާގެ ބުދަދުވަހަށް ހަމަވާނެއެވެ. ވަގުތީގޮތުން ހަނގުރާމަ ހުއްޓައިލުމުގެ މުއްދަތޭ އީރާނުން އެބުނަނީ މިހަފުތާގައި ފަށާ މަޝްވަރާތަކުން ނަތީޖާއެއް ނެރެވޭނެކަމަށް އުންމީދު ކުރެވޭތީއެވެ. ހަނގުރާމަ މިވަގުތަކަށް ހުއްޓިފައިއޮތީވެސް ވަކި މުއްދަތަކަށް ކަމުގައިވާތީއެވެ. މި މުއްދަތުގައި ހަމަލާތައް ހުއްޓައިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިޒްރޭލުން ލުބުނާނަށް ދެމުންއައި ހަމަލާތައް ހުއްޓާލުންވެސް ހިމެނެއެވެ. އެކަމަކު އިޒްރޭލުން އެކަމެއް ނުކުރެއެވެ. ފާއިތުވި ހަފުތާއެއްހައި ދުވަހު ދިން ހަމަލާތަކުގައި އެކަނިވެސް ލުބުނާނުގެ ތިންހާސް މީހުން ވަނީ މަރައިފައެވެ. އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާނު ވިދާޅުވީ ހޮރުމުޒް ކަނޑުއޮޅި ހުޅުވާނުލައި މިހާތަނަށް ބޭއްވީ އިޒްރޭލުގެ އުދުވާނަށް ނިމުމެއް ނުގެންނާތީ ކަމަށެވެ.
ހުކުރު ދުވަހުން ފެށިގެން އިޒްރޭލުގެ އުދުވާން މަޑުޖައްސައިލީމާ އީރާނުންވެސް ހޮރުމުޒް ކަނޑުއޮޅި ހުޅުވައިލީ ކަމަށް ޑރ. ޕަޒިޝްކިޔާނު ވިދާޅުވިއެވެ. ލުބުނާނުގެ ރައްޔިތުން މެރުން އިޒްރޭލުން މިވަގުތަކަށް ހުއްޓާލީ އީރާނުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މަޖުބޫރުވެގެން ކަމަށާއި މިއީ އީރާނުގެ ހަރުދަނާ ޑިޕްލޮމަސީގެ ސަބަބުން ނެރެވުނު ނަތީޖާއެއް ކަމަށްވެސް ޑރ. ޕަޒިޝްކިޔާނު ވަނީ ވިދާޅުވެފައެވެ. ލުބުނާނަށް ދެމުންއައި ހަމަލާތައް ހުއްޓާލަން އިޒްރޭލުން އެއްބަސްވީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ލުބުނާނާއި އިޒްރޭލުގެ މަންދޫބުންގެ މެދުގައި ބޭއްވުނު ވާހަކަތަކަށް ފަހުގައެވެ. ހަމަލަތައް ހުއްޓައިލުމުގެ މުއްދަތަކީ ދިހަ ދުވަހެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން ދާއިމީ އެއްބަސްވުމެއް ގާއިމުކުރަން ޖެހޭނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނަނީ އިޒްރޭލުން ދެން އަލަކުން ލުބުނާނަށް ހަމަލާތަކެއް ނުދޭނެ ކަމަށާއި އެފަދަ ހަމަލާތަކެއް ދިނުން އިޒްރޭލަށް މުޅިން މަނާކޮށްފި ކަމުގައެވެ.
ޓްރަމްޕު މިހެން ބުންޏަސް އިޒްރޭލުގެ ނަތަންޔާހޫ ބުނަނީ ހިޒްބު ﷲ ގެ ކަންތައް އަދިވެސް މުޅިއަކުން ނުނިމޭ ކަމަށާއި އަދިވެސް ކުރަންޖެހޭ ކަންކަން އެބަހުރި ކަމުގައެވެ. ނަތަންޔާހޫގެ ހިތް ފިނިނުވިއެއްކަމަކު ހަތިޔާރުތަކަށް މިވަގުތު އެއޮތީ ފިނިކަން އައިސްފައެވެ. ދެންއޮތީ ދާއިމީ އެއްބަސްވުމެެއް ފައިދާކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ފަށާއިރު ކަންބޮޑުވާންޖެހޭ މިންވަރަށް ޚިލާފުތައް އެބަހުއްޓެވެ. އެމެރިކާއިން ބުނަނީ އީރާނުން ފައްކާކޮށްފައިވާ ބައިޓަނުގެ ޔުރޭނިއަމް ހަވާލުކުރަން ޖެހޭނީ އެމެރިކާޔާ ކަމުގައެވެ. ރައީސް ޓްރަމްޕުގެ ބަހުރުވައިންނަމަ އެއީ ނިއުކުލިއަރ އަޅިއެވެ. ނިއުކުލިއަރ ހިރަފުހެވެ. އެތަކެތި އެމެރިކާ ނޫންބަޔަކަށް ދީގެން ނުވާނެއެވެ. ހަނގުރާމައިގެ ސަބަބުން އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު އެއްވެސް ސިފައެއްގައި ދިނުމެއް ނޯންނާނެ ކަމަށްވެސް ޓްރަމްޕު ބުނެއެވެ. ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ފީއެއް ނެގުންވެސް ހުއްދަ ނުކުރެވޭނޭ ކަމަށް ޓްރަމްޕު ބުނެއެވެ.
ޓްރަމްޕުގެ މި ވާހަކަތަކަކީ އީރާނުގެ ޝަރުތުތުކާ ފުށުއަރާ ވާހަކަތަކެކެވެ. ހަނގުރާމައިގެ ސަބަބުން އީރާނަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލުގައި ގާތްގަޑަކަށް ތިންސަތޭކަ ބިލިޔަން ޑޮލަރު ލިބޭނޭ ނިޒާމެއް ގާއިމުކުރުމަކީ އީރާނުގެ ޝަރުތެކެވެ. ޓްރަމްޕުގެ ބަސްމަގު ކޮންމެ ގޮތަކަށް ހުއްޓަސް ފަރުދާގެ ފުރަގަހުގައި ޕާކިސްތާނުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ކުރިއެރުން ލިބެމުންދާ ކަމަށް ފެނެއެވެ. ޕާކިސްތާނުގެ މި މަސައްކަތަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާނު ޝުކުރު އަދާކުރައްވައި ތާރީފު ކުރެެއްވިއިރު އެމެރިކާގެ ރައީސް ޓްރަމްޕުވެސް އޭނާގެ ތާރީފުގެ ބާލިދީ ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރަށް ބަންޑުންކޮށްލައިފައެވެ. މިކަންކަމުން ދޭހަވާ އެއްޗަކީ އިސްލާމްއާބާދުގައި އަލުން މަޝްވަރާތައް ފަށާއިރު މުހިންމު ގިނަ ކަންކަމުގައި ކުރިއަށްދެވޭވަރަށް ޚިލާފުތައް ކުޑަކުރެވިފައިވާ ކަމެވެ. އެކަން އެހެންއެވީ ޕާކިސްތާނުގެ މަސައްކަތުންކަމެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން