ރާއްޖެއިން ކިންގްޑަމް އޮފް ސްވިޑަންއަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، އައިޝަތު ޝާން ޝާކިރު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު، ކިންގް ކާލް ސޯޅަވަނަ ގުސްޓާފްއަށް މިއަދު އަރުވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ރަސްމީ ގަނޑުވަރުގައި ބޭއްވި އެ ރަސްމިއްޔާތުގައި، ސަފީރު ޝާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްވިޑަންގެ ރަސްގެފާނަށާއި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރައްވާފައި ކަމަށެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖެއާއި ސްވިޑަންއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް ސަފީރު އަލިއަޅުއްވާލެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ދެގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސަފީރުވަނީ ރަސްގެފާނަށް އަރުއްވާފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސަފީރު ޝާން ވަނީ ސްވިޑަންގެ ހާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށާއި، ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި ދެގައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ސަފީރު ޝާންގެ އަރިހުގައި، ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާންއަކީ ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ކިންގްޑަމް އޮފް ނޯވޭއަށާއި ރިޕަބްލިކް އޮފް ފިންލެންޑްއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.