ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑައި، އެ ތަނުގައި ހައުސިން ޔުނިޓުތަކެއް ބިނާކުރަން ނިންމާފައިވާ ނިންމުމާމެދު ފަންނީ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާ ހިއްސާކުރުމުގެ ފުރުސަތަކަށް މިއަދު އެދިއްޖެއެވެ.

އެކަމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ކުޑޫ ސިޓީގައި ފާހަގަކުރައްވާފައިވަނީ ވިލިމާލޭގެ ބިން ބްލޮކެއްގައި 17 ބުރީގެ 300 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވަނީ ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކާއި އިމާރާތްކުރުމުގެ ދާއިރާގެ ފަންނީ ފަރާތްތަކުގެ އިރުޝާދަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.

ކުޑޫ ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި ހަމަހިމޭންކަމާއި ގުދުރަތީ ފެހިކަން ތަޖުރިބާކޮށްލަން އޮތް ހަމައެކަނި ރަށަކީ ވިލިމާލެއެވެ. ނަމަވެސް، އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ އަސްލު ސިފަ ގެއްލި، އާބާދީ ތޮއްޖެހި، މާލެ ސަރަހައްދުގެ ރައްޔިތުން ހިތްހަމަޖައްސާލުމަށް އޮތް މުހިއްމު މާހައުލެއް ގެއްލިގެންދާނެ ކަމުގެ ބިރު އެބައޮތްކަމަށް ކުޑޫ ވިދާޅުވިއެވެ.

"ވިލިމާލެއަކީ ހަމައެކަނި އިމާރާތްކުރާ ތަނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، މުޅި މާލެ ސަރަހައްދަށް ބޭނުންތެރި ތިމާވެށީގެ މުހިއްމު ރައުސްމާލެއްގެ ގޮތުގައި ރައްކާތެރިކުރަން ޖެހޭ،" ކުޑޫ ވިދާޅުވިއެވެ.

މި މައްސަލާގައި އެސޯސިއޭޝަން އޮފް މޯލްޑިވިއަން ޕްލޭނާސްގެ ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއްވެސް ކުޑޫ ވަނީ މަޖިލީހާ ހިއްސާކުރައްވާފައެވެ.

ކުޑޫ އެދިވަޑައިގެންފައިވަނީ މި މަޝްރޫއު ކުރިއަށް ގެންދާނެ އެންމެ ރަނގަޅު ގޮތަކާ ގުޅޭގޮތުން ކަމާގުޅޭ ފަންނީ ފަރާތްތަކާ މަޝްވަރާކުރުމުގެ ފުރުސަތު މަޖިލީހުގެ ކޮމިޓީއެއް މެދުވެރިކޮށް ފަހިކޮށްދިނުމަށެވެ.

ވިލިމާލޭ މުހިއްޔުއްދީން ސްކޫލް ކުރިމަތީގައި ހުރި ބިޔަ ފުނަގަސްތައް ކަނޑައިގެން ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، މިކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައިވަނީ ވީހާވެސް މަދު ގަހެއް ކަނޑައިގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އަދި ކޮންމެހެން ނަގަންޖެހޭ ގަހެއް މެނުވީ ނުނަގާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.