ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އެމްޑީޕީން ރިޝްވަތު ހުށަހަޅަމުންދާ ކަމުގެ ތުހުމަތު، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ކުރައްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫގެ ޕީއެންސީ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އިދިކޮޅު އެމްޑީޕީން މިހާރު އެންމެ ބޮޑަށް ކުރާ މަސައްކަތަކީ ޕީއެންސީ ޕީޖީ ގްރޫޕު ރޫޅާލުމުގެ މަސައްކަތް ކަމަށާއި ނަމަވެސް އެ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމަށެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ވަކިވަކި މެންބަރުންނަށް ގުޅައި، ފައިސާގެ އަދަދުތައް ހުށަހަޅަމުންދާ ކަމަށާއި ނަމަވެސް ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީން އެ ބަދުނާމު އެޅުވީ ޕީއެންސީގެ ބޮލުގައި ކަމަށެވެ. އަދި އެމްޑީޕީން އިންތިހާބާ ދިމާކޮށް 60 މިލިއަން ރުފިޔާ ބެހި ކަމުގެ ތުހުމަތު ވެސް ކުރެއްވިއެވެ.
"އެރޭ ވޯޓު ގަތް ހެސްކިޔާފައި. އަޅުގަނޑުމެން ތިބީ ވޯޓު ގަތުމުގެ ވިސްނުމަކު ނޫން، ފައިސާ ބަހާ ވިސްނުމަކު ނޫން. އެކަމަކު ވެސް މި ބަދުނާމު ވެސް އެޅުވީ އަޅުގަނޑުމެންގެ ބޮލުގައި. 3000 އަށް 4000 އަށް ވޯޓެއް ގަތް ރަށްރަށުން. ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ 75 މެންބަރުން ތިބީ ﷲ ގެ ރަހުމަތްފުޅުން ވަރަށް އިހުލާސްތެރި މެންބަރުންތަކެއް މިއީ. ވަރަށް ތެދުވެރި މެންބަރުންތަކެއް މިއީ. މިއިން އެއްވެސް މެންބަރަކު ހުރީ ފައިސާއަށް ގުޑާ ގޮތަކަށް ނޫން،" އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީން މަޖިލިސް މެންބަރުންނާ ދައްކާ ވާހަކަތައް އެބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިއްސާކުރައްވާ ކަމަށާއި އެއީ ޕީއެންސީގެ މަޖިލިސް މެންބަރުންނަކީ ވަރަށް އިހުލާސްތެރި، ތެދުވެރި މެންބަރުންތަކެއް ކަމަށެވެ. އަދި އެބޭފުޅުން މަސައްކަތްކުރައްވާނީ ރައީސް މުއިއްޒާއެކު ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ފަލާހު
އިބްރާހިމް ފަލާހު