އެމެރިކާޔާއި އީރާނުގެ ހަނގުރާމަ ވަގުތީގޮތުން ދެ ހަފުތާއަށް މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު ކުރިއަށްއޮތް ހަފުތާގެ އަންގާރަދުވަހު ހަމަވާނެއެވެ. އެ އެއްބަސްވުމުގައި ބުނާ ދެހަފުތާގެ ތެރެއިން އެންމެ ފަހު ހަފުތާގެ ދުވަސްތައް މިހާރު ދަނީ ގުނެމުންނެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އައު މަޝްވަރާތަކެއް ފަށައިގެން އައު އެއްބަސްވުމެއް ފައިދާކުރެވޭތޯ ވަރަށް މަތީދަރަޖައިގެ ޑިޕްލޮމެޓިކް މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައެވެ. މި މަސައްކަތުގެ މުގުލުގައި އޮތީ ޕާކިސްތާނެވެ. އައު ބުރެެއްގެ މަޝްވަރާތައް ބާއްވާނީވެސް ޕާކިސްތާނުގައެވެ. ކިތަންމެ ގިނަ ބުރުތަކެެއް ބާއްވަންޖެހުނު ކަމަށްވިޔަސް ޕާކިސްތާނު އޮތީ އެކަމަށް ތައްޔާރުވެގެން ކަމަށް އިސްލާމްއާބާދުން ބުނެއެވެ. އީރާނާއި އެމެރިކާގެ އޮފިޝަލުން އަލުން އެއްތަންކޮށް މަޝްވަރާތަކެއް ފެށޭތޯ ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ އެންމެކުރީ ސަފުން މިވަގުތު ފެންނަ ބޭފުޅަކީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރެވެ.
އޭނާ ވަނީ އެމެރިކާގެ ފަރާތުން ވަރަށް ޚާއްސަ މެސެޖަކާއިގެން މިހަފުތާގެ ބުދަދުވަހު އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެންފައެވެ. ޚާރިޖީވުޒާރާޔާއި އަސްކަރިއްޔާގެ އޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަރަށްމަތީ ފެންވަރުގެ ވަފުދަކާއެކުގައެވެ. ފީލްޑް މާޝަލް އާސިމް މުނީރަށް ތެހެރާނުގެ އެއަރޕޯޓުން މަރުހަބާ ވިދާޅުވީ އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީއެވެ. ހަނގުރާމައިގެ ސަބަބުން އީރާނުގެ ވައިގެ ސަރަހައްދު ބަންދުކުރެވިފައި އޮތަސް އާސިމް މުނީރުގެ ވަފުދު އީރާނަށް ދިޔައީ ވައިގެ މަގުންނެވެ. ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓެއްގައި ޕާކިސްތާނުގެ ހަނގުރާމަމަތީ ޖެޓުތަކުގެ އެސްކޮޓަކާ އެކުގައެވެ. ފީލްޑް މާޝަލް އާސިމް މުނީރު ހުންނެވީވެސް އަސްކަރީ ޔުނިފޯމުގައެވެ. އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް މީގެ ދޮޅުމަސްކުރިން ހަނގުރާމަ ފެށިފަހުން އީރާނަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ އެންމެ މަތީފެންވަރުގެ ލީޑަރަކީވެސް އާސިމް މުނީރެވެ. އެހެންވީމާ މިއީ ވަރަށް ތާރީޚީ ދަތުރުފުޅެކެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާގެ ހަވާލުގައި އެމެރިކާއިން އީރާނަށް ފޮނުވި މެސެޖަކީ ކޮބައިހެއްޔެވެ. އެއީ ކޮން މެސެޖެއްކަން އަދި ސާފެއް ނޫނެވެ. އަދި އެ މެސެޖު ރައްދުކުރައްވާނީ އީރާނުގެ އެންމެ އިސްވެރިޔާ މުޖުތަބާ ޚާމަނާއީއަށްތޯ ނުވަތަ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާނަށްތޯވެސް ޔަގީނެއް ނޫނެވެ. ގަބޫލު ކުރެވެނީ މި ދެބޭފުޅުންނާވެސް ފީލްޑް މާޝަލް އާސިމް މުނީރު ވަކިވަކިން ބައްދަލު ކުރައްވާނޭ ކަމަށެވެ. ޔަގީނާ ގާތަށް ހީކުރެވެނީ އެމެރިކާގެ މެސެޖަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުގެ މައްސަލައިގައި އެމެރިކާއިން ހުށައަޅާ އައު ހުށައެޅުމެއް ކަމުގައެވެ. އާސިމް މުނީރުގެ މި ދަތުރުފުޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވަރަށްބޮޑަށް ތާރީފުވެސް ކޮށްފައެވެ. މުނީރުގެ މަސައްކަތް ބަރާބަރޭވެސް ބުނެފިއެވެ. ދެން ލަސްތަކެއްނުވެ މަޝްވަރާތަކެއް ފެށިދާނޭކަމަށް ފެނެޔޭވެސް ބުނެފިއެވެ. އެމެރިކާގެ މަންދޫބުން މިހާރުތިބީ ޕާކިސްތާނަށް ދިއުމަށް ތައްޔާރުވެގެންނޭވެސް ބުނެފިއެވެ.
ފީލްޑް މާޝަލް އާސިމް މުނީރު ކަަހަލަ ބޭފުޅަކު ހަމައެކަނި ޓްރަމްޕުގެ ޕޯސްޓްމަނެއްގެ ގޮތުގައި އީރާނަކަށް ވަޑައެއް ނުގަންނަވާނެއެވެ. އަދި އީރާނަށް ގަބޫލުނުކުރެވޭ ޒާތުގެ ހަރުކަށި މެސެޖަކާއިގެންވެސް ވަޑައެއް ނުގަންނަވާނެއެވެ. އެ މެސެޖުވާނީ އީރާނަށް ގަބޫލުކުރަން ދަތިނުވާނޭ މެސެޖަކަށެވެ. ފީލްޑް މާޝަލް މުނީރުގެ އަދި އެހެން ބޭނުންފުޅުތަކެއްވެސް ހުންނާނެއެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން އީރާނަށް ދޭންޖެހޭ ޔަގީންކަމާއި ކަށަވަރުކަން ދިނުމެވެ. އަވަށްޓެރިކަމުގެ ހުރުމަތް އަދާކުރުމެވެ. ހަނގުރާމަޔަށްފަހު އީރާނުގެ ހާލަތު އެންމެކައިރިން ބެއްލެވުމެވެ. ސައޫދީއަރަބިޔާގެ ސިޔާސަތުގެ އެކޮޅު މިކޮޅުވެސް އީރާނަަށް އޮޅުން ފިލުވައިދިނުމެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ. ޕާކިސްތާނަކީ ސައޫދީއަރަބިޔާގެވެސް އެންމެ ގާތް މިތުރެވެ. މިކަންކަމަށް ރިއާޔަތްކުރީމާ ގަބޫލު ކުރެވެނީ ޕާކިސްތާނުގެ ޑިޕްލޮމެޓިކް މަސައްކަތްތަކުން މިފަހަރު ހެޔޮ ނަތީޖާއެއް ނުކުމެދާނޭ ކަމުގައެވެ. ވާހަކަތައްވެސް ދެން ފެށިދާނޭ ކަމުގައެވެ.
ފީލްޑް މާޝަލް އާސިމް މުނީރަކީ އާދައިގެ ބޭފުޅެއް ނޫނެވެ. ވަރަށް ގިނަބައެއްގެ ނަޒަރުގައި ޕާކިސްތާނުގެ ހަގީގީ ލީޑަރަކީ އޭނާއެވެ. އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ބޮޑުވަޒީރުގެ މައްޗަށްވެސް ބަސްވިދާޅުވެ ގައުމުގެ އެންމެހައި ކަންކަމާމެދު ގޮތްނިންމަވާ ލީޑަރަކީ އެއީއެވެ. ގާނޫނީގޮތުން ދައުލަތް ހިންގެވުމުގެ އެންމެ އިސްވެރިޔަކީ ބޮޑުވަޒީރު ޝަހުބާޒު ޝަރީފު ކަމަށްވިޔަސް ޝަހުބާޒު ހުންނަވަނީ ފީލްޑް މާޝަލް އާސިމް މުނީރުގެ ހިޔަނީގެ ފަހަތުގައި ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ. ސަލާމަތީ ކަންކަމާއިގުޅޭ ސިޔާސަތާއި ޚާރިޖީ ސިޔާސަތުގެ ކަންކަމުގައި އެންމެފަހު ބަސް ވިދާޅުވާ ބޭފުޅަކީ ފީލްޑް މާޝަލް އާސިމް މުނީރު ކަމަށްވުމުން އޭނާގެ އަސްލު ޕޮޒިޝަނަކީ ޕާކިސްތާނުގެ ސުޕްރީމް ލީޑަރުކަމަށް އޮންނަނީ ގަބޫލު ކުރެވިފައެވެ. އީރާނުގެ ރޫހީ ލީޑަރު ފަދައިންނެވެ. ކޮންމެއަކަސް މި މަގާމުގައި ކުރިއަށްއޮތް 2027 ވަނަ އަހަރުގެ ނިޔަލަށް ފީލްޑް މާޝަލް އާސިމް މުނީރު ދެމިހުންނަވާނެއެވެ.
އެމެރިކާޔާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތަކުގެ އައުބުރެއް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފަށާނަމަ އެވާހަކަތައް ފެށޭނީ އެންމެ އަވަސްވެގެންވެސް އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ފަހުން ކަމަށް ޔަގީންކުރެވެއެވެ. އެހެން ހީކުރެވޭ ސަބަބަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފު މިވަގުތު ގައުމުން ބޭރުގައި ހުންނެވުމެވެ. ސައޫދީއަރަބިޔާ އާއި ގަތަރު އަދި ތުރުކީވިލާތަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއް ބުދަދުވަހު އޭނާ ވަނީ ފައްޓަވައިފައެވެ. އެންމެފުރަތަމަ ސައޫދީއަރަބިޔާއަށެވެ. އެއަށްފަހު ގަތަރާއި ތުރުކީވިލާތަށެވެ. މި ތިން ގައުމަކީވެސް ޕާކިސްތާނުގެ މިތުރުންނެވެ. މި ތިން ގައުމުގެ ވެރިންނާއެކު ޝަހުބާޒު ދައްކަވާ ވާހަކަފުޅުތަކުގެ މައިގަޑު މައުޟޫއަކީވެސް އީރާނުގެ ހަނގުރާމައެވެ. އޭނާ އެނބުރި އިސްލާމްއާބާދަށް ވަޑައިގެންނެވުމުގެ ކުރިން އެތަނުގައި އެމެރިކާޔާއި އީރާނުގެ މަޝްވަރާތަކެއް ނުފަށާނެއެވެ. ޑިޕްލޮމަސީގެ އާދަކާދަތައް ނިޔާކުރާ ގޮތުންނެވެ.
އިމާދު ލަތީފު
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ކޮމެންޓް