ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ދުވަސްވަރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރި އާލާވުން އިތުރުވެ، ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި ފެތުރުން ގާތް ކަމަށެވެ.

ހާއްސަކޮށް އެޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަލި ފެތުރުން އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، އެކަމުން ރައްކާތެރިވުމަށް ހުރިހާ މުއައްސަސާތަކާއި އާންމު ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް އެޗްޕީއޭއިންވަނީ އެދިފައެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެކި ދާއިރާތަކުން ކުރަންޖެހޭ ކަންކަން އެޗްޕީއޭއިން ވަނީ ތަފްސީލުކޮށްދީފައެވެ.

  • ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް: ބަލީގެ އަލާމާތްތައް އަވަހަށް ދެނެގަނެ، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ފޮލޯ-އަޕް ހެދުމާއި، ރަށުގެ ބަލިމަޑުކަމުގެ ހާލަތު ގަވާއިދުން އެޗްޕީއޭއަށް ރިޕޯޓްކުރުން
  • ރަށު ކައުންސިލްތަކާއި ސްކޫލްތައް: ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެކުލަވާލައި، ރަށުތެރެ ސާފުކުރުމާއި، ސްކޫލް ގޯތިތެރޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ހަރަކާތްތައް ހަފްތާއަކު އެއްފަހަރު ހިންގުން
  • ރިސޯޓްތަކާއި މަސައްކަތްކުރާ ސަރަހައްދުތައް: ކޮންސްޓްރަކްޝަން ސައިޓްތަކާއި އިންޑަސްޓްރިއަލް ރަށްތައް ހަފްތާއަކު އެއްފަހަރު ބަލައި ފާސްކޮށް، މަދިރި އުފެދޭ ތަންތަން ނައްތާލައި މުވައްޒަފުން ހޭލުންތެރިކުރުން
  • ކުންފުނިތަކާއި ޖަމިއްޔާތައް: މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ހޭލުންތެރިކުރުމުގެ ހަރަކާތްތައް ރޭވުން
  • މީޑިއާ: ރަސްމީ އިދާރާތަކުން ދޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން.

އެޗްޕީއޭއިން ބުނީ، ކޮންމެ މީހަކުވެސް އަމިއްލަ ގޭތެރެއާއި ގޯތިތެރޭގައި ފެންހަރުލާ ތަންތަން ސާފުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ.