ޔޫރަޕްގައި ޖެޓް ފިއުލް ހުރީ ހަ މަސް ދުވަހަށް ވާވަރަށް ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ބުނެފިއެވެ.

އައިއީއޭގެ އިސްވެރިޔާ ފާތިހް ބިރޯލް ވަނީ ޔޫރަޕްފައި މިހާރު ބާކީ ހުރީ ހަ މަސްދުވަހަށް ވާވަރަށް ކަމަށް ވިދާޅުވެފައެވެ.

އެސޯއިއޭޓެޑް ޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި އައިއީއޭގެ އިސްވެރިޔާ ފާތިހް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ލިބެމުން އަންނަ ގެއްލުން މުޅި ދުނިޔެއަށް ކުރަން ފަށާފައިވާ ކަމަށާއި ޔޫރަޕަށް އެކަމުގެ އަސަރުކޮށް ކުރިއަށް އޮތްތަނުގައި ގިނަ ފްލައިޓުތަކެއް ކެންސަލް ކުރަން ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ދިން ހަމަލާއަށްފަހު މެދުއިރުމަތީގައި ހަނގުރާމައެއް ފެށި، ދުނިޔޭގެ ތެލުގެ ސަޕްލައި ދަށްވެ އެކަމުގެ ސީދާ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ.

އައިއީއޭގެ އިސްވެރިޔާ ފާތިހް ވަނީ މިއީ ދުނިޔެއަށް ކުރާނެ ހަކަތައިގެ އެންމެ ބޮޑު ކާރިސާކަމުގައި ސިފަކުރައްވައިފައެވެ.

މީގެ ކުރިން ވެސް ދުނިޔޭގައި ކުރި ހަނގުރާމަތަކުގެ ސަބަބުން ހަކަތައިގެ ދާއިރާއަށް ބޮޑެތި ގެއްލުންވި ނަމަވެސް، މިހާރު މިވާ ގެއްލުން އިހުނަށްވުރެ ބޮޑުވާނެ ކަމަށް އައިއީއޭގެ އިސްވެރިޔާ ފާތިހް ވިދާޅުވެފައިވެއެވެ. މިކަމުގެ ސަބަބުން އިގުތިސާދީ ކުރިއެރުން ދަށްވެ ގައުމުތަކުން އިންފްލޭޝަން މަތިވެގެން ދާނެ ކަމަށް ފާތިހް ފާހަގަކުރައްވާފައިވެއެވެ.