ރޭގަނޑު ނިދާފައި އޮންނައިރު ކުއްލިއަކަށް މެންދަމު ހޭލެވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މިގޮތަށް ހޭލެވުމުން އަލުން ނިދަން އުނދަގޫ ވެ، އެނދުގައި ފުރޮޅިފުރޮޅި އޮންނާން ޖެހެއެވެ. އިނގިރޭސިވިލާތުގެ އެން.އެޗް.އެސް ގެ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު ޚާން ވިދާޅުވާ ގޮތުގައި މިއީ އެއްވެސް ވަރަކަށް ބިރުގަންނާން ޖެހޭ ނުވަތަ އާދަޔާޚިލާފު ކަމެއް ނޫނެވެ. މިއީ ސީދާ އަޅުގަނޑުމެންގެ ދިރިއުޅުމުގައި އުފެދޭ ސްޓްރެސް އާއި ގުޅިފައިވާ ކަމެކެވެ. އަބަދު ފިކުރުބޮޑުވެ، ސްޓްރެސްގައި އުޅޭނަމަ މިގޮތަށް ހޭލެވުމަކީ އާންމު ކަމެކެވެ.
ކޯޓިސޯލް އާއި ސްޓްރެސްގެ ގުޅުން
ޑޮކްޓަރު ޚާން ވިދާޅުވާ ގޮތުގައި، މިކަން ގުޅިފައިވަނީ ހަށިގަނޑުގައި އުފެދޭ ހޯމޯނެއް ކަމަށްވާ ކޯޓިސޯލްއާއެވެ. އާންމު ގޮތެއްގައި ރޭގަނޑު ނިދާ ވަގުތު ކޯޓިސޯލްގެ މިންވަރު ހަށިގަނޑުގައި ދަށް ވެއެވެ. އޭގެ ސަބަބުން ހަށިގަނޑަށް އަރާމު ލިބި، ފުންކޮށް ނިދުމަށް އެހީތެރިވެދެއެވެ. ނަމަވެސް، ފަތިހާ ކައިރިވެފައި ހުއްޓާ، މީހާ ހޭލެއްވުމަށްޓަކައި ގުދުރަތީގޮތުން ކޯޓިސޯލްގެ މިންވަރު މައްޗަށް ދާން ފަށައެވެ.
އަބަދު ސްޓްރެސްވެފައި ހުންނަ މީހެއްނަމަ، އޭނާގެ ހަށިގަނޑުގައި އާންމުކޮށްވެސް ކޯޓިސޯލް ހުންނަ މިންވަރު މަތިވާނެއެވެ. އެހެންކަމުން، ރޭގަނޑު 3 ޖަހާކަންހާއިރު ގުދުރަތީގޮތުން ކޯޓިސޯލް އިތުރުވާން ފެށުމުން، އެ މިންވަރު މާބޮޑަށް މައްޗަށް ގޮސް، ކުއްލިއަކަށް މީހާ ހޭލައްވައިލައެވެ. މިއީ ގުދުރަތީގޮތުން ކޯޓިސޯލް އިތުރުވާން ޖެހޭ މިންވަރަށްވުރެ ބޮޑަށް އިތުރުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މީގެ ސަބަބުން ހޭލެވުމަށްފަހު އަލުން ނިދަން އިންތިހާއަށް އުނދަގޫވެއެވެ.
މިކަމަށް އޮތް ހައްލަކީ ކޮބާ؟
މި މައްސަލައިން ސަލާމަތްވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ދުވާލުގެ ވަގުތުތަކުގައި ސްޓްރެސް ކުޑަކުރުމަށް މަސައްކަތް ކުރުމެވެ. ސިކުނޑިއަށް އަރާމުދީ، ފިކުރުތަކާ ދުރުވުމަށް ފުންކޮށް ނޭވާލުމުގެ ކަސްރަތުތައް ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ރޭގަނޑު ނިދުމުގެ ކުރިން ފޯނު އަދި އެހެނިހެން ސްކްރީންތަކާ ދުރުވުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ރޭގަނޑު ހޭލެވުނު ކަމުގައިވިޔަސް ފޯނު ނުބެލުމަށާއި، އަނދިރީގައި އޮވެ ނޭވާލުމަށް ސަމާލުކަން ދިނުމަކީ އަލުން ނިދުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ޑޮކްޓަރުން އިތުރަށް ފާހަގަކުރައްވާ ގޮތުގައި، ނިދަން އޮންނަ ކޮޓަރިއަކީ ފިނި އަދި އަނދިރި ތަނަކަށް ހެދުމަކީވެސް މެދުކެނޑުމެއްނެތި ފުންކޮށް ނިދުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ހަމައެހެންމެ، ނިދުމުގެ ކުރީން ހިތުގައި ހުންނަ ކަންބޮޑުވުންތައް ފޮތެއްގައި ލިޔެލުމަކީ ސިކުނޑިއަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ. މިފަދަ ކުދިކުދި ބަދަލުތަކުން ދިރިއުޅުމުގެ އާދަތައް ރަނގަޅުކޮށް، ކޯޓިސޯލްގެ މިންވަރު އާދައިގެ ގޮތެއްގައި ހިފެހެއްޓުމަށް މަގުފަހިވާނެއެވެ. އޭރުން ރޭގަނޑުގެ މެންދަމުން ހޭލެވޭ ހޭލެވުން ހުއްޓި، ފުރިހަމަ ނިންޖެއް ލިބުމަށް އެހީތެރިވެދޭނެއެވެ.
ނޯޓު: މެންދަމުގެ ވަގުތުގައި ހޭލެވޭ އެހެން ސަބަބުތައްވެސް ހުންނާނެއެވެ. ހޭލެވޭ ވަގުތުގައު އެމީހަކަށް ކުރެވޭ އިހުސާސާއި އުނދަގޫ، ވެފައި ހުންނަ ގޮތް މުހިއްމެވެ. ހޭލެވޭ ކޮންމެ ހާލަތަކީ ސީރިއަސް ނޫން ވަގުތެއް ކަމަށް ނިންމައިގެން ނުވާނެއެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު