އީރާނާއި އެމެރިކާގެ ސުލްހައިގެ ވާހަކަތައް މިވަގުތަކަށް އެއޮތީ ހުއްޓިފަައެވެ. މިހަފުތާގެ އާދީއްތަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް އައު ބުރެެއްގެ ވާހަކަތައް ފަށަން ތައްޔާރަށްތިބި ކަމުގެ ސިގްނަލް ދެފަރާތުންވެސް ދަނީ ފޮނުވަމުންނެވެ. އެހެންވީމާ ކޮންމެއިރަކުވެސް ވާހަކަތައް އަލުން ފެށިދާނޭ ކަމަށް ގަބޫލުކުރަން ފުރުސަތު އެބައޮތެވެ. އެގޮތަށް ފަށާ ވާހަކަތަކުގައި ޕާކިސްތާނުން އަނެއްކާވެސް މެދުވެރިއެއްގެ ދައުރު އަދާކުރަން ތައްޔާރުކަމަށް އިސްލާމްއާބާދުން ވަނީ ބުނެފައެވެ. އައު ބުރެއްގެ ވާހަކަތައް ފަށާކަމަށް ވެއްޖެނަމަ އެކަން ކުރިއަށްދާނެ ކަމަށް ބެލެވެނީވެސް އިސްލާމްއާބާދުގައެވެ. އެންމެފަހުންވެސް އެކަންކުރި ތަނުގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ތެދުބަހުން ވާހަކަ ދައްކާ މީހެއް ނޫނެވެ. އޭނާ މިހާރު ބުނަމުންދަނީ އައުބުރެެއްގެ މަޝްވަރާތައް ފަށަން ބޭނުންވެގެން އީރާނުން އާދޭސްކުރަމުންދާ ކަމުގައެވެ. އެމެރިކާއަށް މެސެޖުތަކެއް ފޮނުވަމުންދާ ކަމުގައެވެ. އައު މަޝްވަރާތަކެއް ފެށިޔަސް ދައްކަންހުރީ ބައު ވާހަކަތަކެކެވެ.

އެއީ އީރާނުގެ ނިއުކުލިއަރ މަޝްރޫއުގެ ވާހަކަޔާއި ހޮރުމުޒް ކަނޑުއޮޅީގެ ވާހަކައެވެ. ހޮރުމުޒް ކަނޑުއޮޅީގައި އެމެރިކާވެސް އެއޮތީ ހޯމަދުވަހުން ފެށިގެން ބޮޑުތަޅު އަޅުވައިގެންނެވެ. އެއަށްވުރެ މާކުރިން އީރާނު އޮތީ އެތަނުގައި ތަޅުއަޅުވައިފައެވެ. ޓްރަމްޕު ބުނާގޮތުން މަޝްވަރާޔަށްއެދި އީރާނުން އާދޭސްކުރަންފެށީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ހޯމަދުވަހުން ފެށިގެން ހިސާރުކުރަންފެށީމާ އެކަމާ ދެރަވެ ކަންބޮޑުވެގެންނެވެ. އެކަމަކު އީރާނުގެ ފަރާތުން އެޒާތުގެ މާސީރިއަސް ކަންބޮޑުވުމެއް ނުފެނެއެވެ. އީރާނުގެ ފަރާތުން ފެންނަނީ ކަމަކަށް ކަމެކެވެ. އެމެރިކާއިން އަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެކެވެ. މިކަން މިހެންއޮތަސް މައްސަލަ އިތުރަށް ހޫނުނުކޮށް ފަރުޖެއްސޭތޯ ދެފަރާތުންވެސް ދޫދޭން ރުހިގެންތިބި ކަމުގެ ކުލަވަރުވެސް ފެނެއެވެ. ރައީސް ޓްރަމްޕު ކުރިން ބުނަމުންއައީ އީރާނުން ދުވަހަކުވެސް ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތެއް ނުހިންގާނެ ކަމުގެ ޔަގީންކަންދޭން ޖެހޭނެ ކަމުގައެވެ. މިހާރު އެބުނުމަށް ބަދަލު ގެނެސްފިއެވެ.

ރައީސް ޓްރަމްޕު މިހާރު ބުނަނީ ވިހި އަހަރަށް ފުދޭނެ ކަމުގައެވެ. އީރާނުން ކުރިން ބުނަމުންއައީ ޔުރޭނިއަމް ފައްކާކުރުމުގެ ހައްގަކީ ދުވަހަކުވެސް ދޫކޮށްލާނެ ހައްގެއް ނޫންކަމުގައެވެ. އެއީ މަޝްވަރާކުރަންވެސް ބޭނުންވާ ކަމެއް ނޫންކަމުގައެވެ. އެކަމަކު މިހާރު އެބުނުމަށްވެސް ބަދަލު އަތުވެއްޖެއެވެ. އީރާނުން މިހާރު ބުނަނީ ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ފަސްއަހަރަށް ހުއްޓައިލުމަށް ރުހިގެންތިބި ކަމުގައެވެ. އެކަމާމެދު މަޝްވަރާކުރަންވެސް އެއްބަސް ކަމުގައެވެ. މިހުންނަނީ ފާހަގަކޮށްލުން މުހިންމު ކަންކަމެވެ. ދެފަރާތުގެ ސްޓޭންޑަށްވެސް ހިސާބެއްގެ މައިތިރިކަން އެބައަންނަކަން ދޭހަވާ ކަންކަމެވެ. ދެންއޮތީ އީރާނުގެ ބަނދަރުތައް ހިސާރުކޮށްފީމޭ، ދޫންޏަކަށްވެސް އީރާނުގެ ބަނދަރަކަށް ނުވަދެވޭނެޔޭ، ވަދެއްޖެ އެއްޗަކަށް ނުނިކުމެވޭނެޔޭ ކިޔައިގެން ޓްރަމްޕު ދީފައިވާ އިންޒާރަށް އަމަލުކުރޭތޯ ނުވަތަ ނޫންތޯ ބެލުމެވެ. އެބުނާ ބްލޮކޭޑް އެއޮތީ ގާއިމުކޮށްފައެވެ. އެކަމަކު ހޮރުމުޒް ކަނޑުއޮޅިން ވަންނަ އުޅަނދުތައް އެބަވަދެއެވެ. ނުކުންނަ އުޅަނދުތައް އެބަނުކުމެއެވެ.

މިދެންނެވި އުޅަނދުތަކުގެ ތެރޭގައި އީރާނުގެ ބަނދަރުތަކުން ފުރި އުޅަނދުތަކާއި އެބަނދަރުތަކަަށް ވަންނަ އުޅަނދުވެސް ހިމެނެއެވެ. އެ އުޅަނދުތައް ފަހައި އަތުލައިގެން ހިފަހައްޓާ މަންޒަރެއް ނުފެނެއެވެ. އެމެރިކާގެ މަނަވަރުތައްވެސް މާދުރުގައި މަންޒަރު ދެކެން ތިބެނީއެވެ. މިކަމުން ދޭހަވާ އެއްޗަކީ އެމެރިކާގެ އިންޒާރުތަކަކީ ހަމައެކަނި ވާހަކައެއް ކަމެވެ. ތަންފީޒުކުރުމުގައި ސީރިއަސްކަމެއް ނެތްކަމެވެ. ހަނގުރާމަޔަށް ވަގުތީ މެދުކެނޑުމެއް ގެނައުމުގެ އެއްބަސްވުމަށް އަމަލުކުރަންފެށިތާވެސް ހަފުތާއެއްވީއެވެ. އެމެރިކާޔަކުންވެސް އީރާނަކުންވެސް އެއްބަޔަކު އަނެއްބަޔަކަށް ހަމަލައެއް ނުދެއެވެ. ކުރާކަމެއް ކުރަނީ އިޒްރޭލުންނެވެ. މާދުރުގައިވާ ލުބުނާނަށް ހަމަލަދޭ ދިނުމުންނެވެ. އެހެންވީމާ އީރާނާއި އެމެރިކާޔާ ދެމެދު އައު ބުރެެއްގެ މަޝްވަރާތަކެއް ފަށަން މާބޮޑު ހުރަހެއް އޮތްކަމަށް ނުބެލެވެއެވެ. ވަގުތުއައީމާ ހަމަފަށަންވީއެވެ. އޭގެމާނަޔަކީ އެއްފަރާތުން އަނެއްފަރާތަށް އިތުބާރުކުރެއެކޭ ނޫނެވެ. އެޒާތުގެ އެއްވެސް އިތުބާރެއް ނެތެވެ.

އެމެރިކާއިން މިހާތަނަށް ބޭނުންކުރި އުކުޅަކީ އީރާނަށް ބިރުދެއްކުމެވެ. ހަމަލަދޭނެ ކަމުގެ ވާހަކައިންނެވެ. ހަނގުރާމަކުރުމުގެ ވާހަކައިންނެވެ. އެންމެފަހުން ދެ ހަނގުރާމައެއް ކޮށްފިއެވެ. ނެރެވުނު ނަތީޖާއެއް ނެތެވެ. އީރާނު އޮތީ މިހާރު ބިރުފަހަނަޅައި ގޮސްފައެވެ. އެހެންވީމާ މަޝްވަރާކުރުން ފިޔަވައި ދެން އެހެންގޮތެެއް އެމެރިކާއަކަށްވެސް ނެތެވެ. މީގެކުރިން އަސްކަރީގޮތުން އެމެރިކާއާ ކުރިމަތިލާން އީރާނުވެސް އޮތީ ބިރުންނެވެ. އެކަމަކު ވަރަށް ގާތްގާތުގައި ދެ ފަހަރެެއްގެ މަތިން ހަނގުރާމަތަކެއް ކުރެވުނީމާ އީރާނަށްވެސް ކޮންފިޑެންސް ލިބިއްޖެއެވެ. އީރާނު ބަލިކޮށެއް ނުލެވުނެވެ. އީރާނުގެ މަގާމު ހަރުދަނާވީއެވެ. ވަރުގަދަވީއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއަށް ޖެހެނީ އެމީހުންގެ ސިޔާސަތަށް ބަދަލު ގެނައުމަށެވެ. އެމެރިކާއަކީ އެމީހުން ބޭނުންވާ ކަމެއް ހާސިލްކުރުމުގައި އެއްވެސް ބަޔަކަށް ދޫދޭން އާދަވެފައިވާ ގައުމެއް ނޫނެވެ. ދޫދިނުމަކީ އެމެރިކާ ދަންނަ ކަމެއްވެސް ނޫނެވެ. ނާކާމިޔާބު ވެއްޖެކަމަށް އިއުތިރާފުވުން ހިމެނޭގޮތުންނެވެ.

ނާކާމިޔާބީއަށް އެއްބަސްވުމަކީ އަމްދުން އެމެރިކާގެ ޑިޕްލޮމެޓިކް ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. މިސަބަބަށްޓަކައި އީރާނާ މުއާމަލާތުކުރަން ޖެހިފައި މިހާރު އެއޮތީ އައުގޮތަކަށެވެ. އައުކަމަކަަށްވީމާ ހޮޅިވާހަކަ ދެއްކޭތަންވެސް އަންނަނީއެވެ. އީރާނުން އާދޭސްކޮށްފައި ގުޅާވަރުން ދެން މަޝްވަރާތަކެއް ކުރެވިދާނެޔޭ ބުނެވެނީއެވެ. އެހެން ބުނެފައި އީގޯގެ އަސަރުތައް ފާޅުވެ އީރާނުގެ މުޅި ހަޟާރަތު ދުއްވައިލާނަމޭވެސް ބުނެވޭގޮތް ވަނީއެވެ. ކޮންމެއަކަސް އިންޒާރުތަކާއި ބޮޑާބަސްތަކުގެ އަރިމަތިން އުންމީދުގެ އަލިކަންވެސް އެހެރަދަނީ ފާޅުވަމުންނެވެ. ކުރީގެ ހަރުކަށި ޝަރުތުތަކަށް ބަދަލުގެނެސް މަޑުމައިތިރި ގޮތްތަކެއްވެސް އެހެރަގެންދަނީ ހުށައަޅަމުންނެވެ. އެހެންވީމާ ވާހަކަތަކެއް ފެށިގެން ދާއިމީ ހައްލަކާ ދިމާލަަށް ދެވިދާނޭކަމަށް އުންމީދުކުރަން ޖާގަ އެބައޮތްކަމަށް ފެނެއެވެ. އެކަމަކު އަޖޫޒު މުސްކުޅިޔަކު އެމެރިކާގެ ވެރިކަމުގައި ހުރެގެން ދެން ނިންމާނީ މިވެނިގޮތަކަށްކަން ލަފާކުރަން ދަތިވީމާ ބިރުވެރިކަން ފިލާގޮތެއް ނުވެއެވެ.