ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް، އިބްރާހިމް ނިޝާން އަހުމަދު މިއަދު ހަމަޖައްސައިފިއެވެ.

އެޗްޕީއޭއަކީ ރާއްޖޭގައި ބަލިތަކުން ރައްކާތެރިވުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމާއި، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރާ އިދާރާއެކެވެ.

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ހަމަޖެއްސި ނިޝާން އަކީ ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އާންމު ބަލިތައް ރައްކާތެރިކުރުމާ ގުޅޭ އިދާރާގެ އިސްވެރިޔާގެ މަގާމު ހުސްވީ، ކުރިން އެ އެ މަގާމުގައި ހުރި މައިމޫނާ އަބޫބަކުރު ރިޓަޔާކުރެއްވުމުނެވެ. އެ މަގާމަށް ކުރިމަތިލާން ސިވިލް ސާވިސް ކޮމިޝަނުން މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އިއުލާންކުރިއެވެ.

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި މައުމޫނާ އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 17، 2016 ގައެވެ. އޭގެ ފަހުން ރިޓަޔާ ކުރެއްވުމަށް ހަމައަށް، މައިމޫނާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ފާހަގަކޮށްލެވޭ ފަދަ އެތައް ހިދުމަތްތަކެއް ކުރައްވައިފައެވެ.

އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެކަމަނާގެ ލީޑަޝިޕަށެވެ. މައުމޫނާގެ ލީޑާޝިޕްގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ ބަލައިގަނެ، ތައުރީފުކޮށްފަ އެވެ.