އިމާރާތްކުރާ އިރު، ބިމު އަޑީގައި ހުންނަ ކަރަންޓު ކޭބަލްތަކަށް ސަމާލުކަން ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ބައެއް ޓަވަރުތަކަށް ކަރަންޓުދިނުމަށް ބޭނުންކުރާ މައި ކޭބަލަކަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން، މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 އިން ފެށިގެން ގިނައިރުތަކެއް ވަންދެން ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.
އެ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއިން ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، އަނބުރާ ކަރަންޓު ދެވިފައިވަނީ އެ ރޭގެ ވަގުތެއްގައެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވީ، ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
"މަގު ކޮނުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ، މިފަދަ ހާދިސާތަކުގެ ސަބަބުން ކުންފުންޏަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ނުހަނު މުހިންމު ކަމެއް. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މިކަމަށް ފުރިހަމައަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަން." ސްޓެލްކޯއިން ބުންޏެވެ.
މިކަން ހައްލުކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސްޓެލްކޯއިން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ބައްދަލުކޮށްފައެވެ.
ސްޓެލްކޯއިން ބުނީ އެޗްޑީސީއާއެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމާ ގުޅޭގޮތުން ކަމަށެވެ.
ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ކުޑަކުރުމުގެ ގޮތުން، ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު އަޅާފައިވާ އިތުރު ކޭބަލްތައް އެނަޖައިޒްކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށްވެސް ވަނީ ވާހަކަދެކެވިފައެވެ.
ސްޓެލްކޯއިން ފާހަގަކުރާ ގޮތުގައި އެ ކޭބަލްތައް އެނަޖައިޒް ކުރެވިއްޖެނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ އަދި ވިނަރެސް ފްލެޓުތައް ހިމެނޭހެން ގިނަ ޓަވަރުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ، އެ ސަރަހައްދަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމުގެ ސަބަބުންނެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި އެ ކޭބަލަށް ގެއްލުންވެފައިވަނީ ބަޔަކު ކޮނުމުގެ މަސައްކަތެއް ކުރުމުގެ ތެރޭގައެވެ.
މައި ކޭބަލަށް ގެއްލުންވުމާ ގުޅިގެން، ބާކީ އޮތް ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަކީ ލޯޑު ބޮޑުވުމުގެ ސަބަބުން ދަތިކަމަކަށްވިއެވެ. އެހެންނަމަވެސް، ސްޓެލްކޯގެ ޓެކްނިކަލް ޓީމުތަކުން ވަނީ ލޯޑު ބަހާލައިގެން، ކަރަންޓު ކެނޑުނު ހުރިހާ އިމާރާތްތަކަށް އަލުން ކަރަންޓު ދިނުމުގެ ބުރަ މަސައްކަތްކޮށްފައެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށާއި، ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން ކަށަވަރުކުރުމަށް ސްޓެލްކޯއާއި އެޗްޑީސީ ގުޅިގެން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ