އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ރޭ ކުޅުނު މެޗުން ލީޑްސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ 2002 ވަނަ އަހަރު ފަހުން ލީޑްސްއިން ޔުނައިޓެޑް ކައިރިން ހޯދި ފުރަތަމަ މޮޅެވެ. އަދި ޔުނައިޓެޑްގެ ދަނޑުގައި ލީޑްސްއިން މޮޅުވެފައި މިވަނީ 45 އަހަރު ދުވަސް ފަހުންނެވެ. ރޭ ކުޅުނު މެޗުގެ ފަހު ކަށިގަނޑާއެކު ލީޑްސްއިން ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވާ އިރު، ރޭގެ ކުރިން އެންމެފަހުން ޔުނައިޓެޑް ދަނޑުގައި ލީޑްސް މޮޅުވީ 1981 ވަނަ އަހަރުއެވެ.
ރޭގެ މޮޅަކީ ލީޑްސްއިން ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި މުހިއްމު ފިޔަވަޅެއްވެސް މެއެވެ. މޮޅާއެކު ލީޑްސް އޮތީ 15 ވަނައިގައެވެ. އެއީ 32 މެޗުން 36 ޕޮއިންޓާއެކުގައެވެ. 18 ވަނައިގައި އޮތް ޓޮޓެންހަމްއިން 32 މެޗުން 30 ޕޮއިންޓާއެކު އޮތް އިރު، ލީޑްސްއަށް ވަނީ އުންމީދު ލިބިފައެވެ.
ޔުނައިޓެޑް އަދިވެސް އޮތީ ތިންވަނައިގައެވެ. އެއީ 32 މެޗުން 55 ޕޮއިންޓާއެކުގައެވެ.
މެޗުން ލީޑްސް މޮޅުކޮށްދިނުމަށް އެންމެ މުހިއްމު ރޯލެއް އަދާކުރީ ނޯއާ އޮކަފޯއެވެ. ފުރަތަމަ ހާފުގައިވެސް އޭނާގެ ދެ ގޯލް ފެނިގެން ގޮސްފައިވެއެވެ. ކުރީކޮޅުގައި ޑޮމިނިކް ކަލްވާޓް-ލެވިންއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި ނަމަވެސް، އޭގެ އިރުކޮޅެއްފަހުން އޮކަފޯވަނީ ލީޑު ނަގައިދީފައެވެ.
ހާފު ނިމެން ދަނިކޮށް އޮކަފޯ ދެވަނަ ގޯލް ޖެހީ، އޭރިއާ ބޭރުން ހާފް ވޮލީއެއްގައި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އަނެއްކޮޅުން ޔުނައިޓެޑުގެ ލިސާންޑްރޯ މާޓިނޭޒްގެ ހަމަލާއެއް ފުރަތަމަ ހާފުގައި ފެނުނު އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި އޭނާއަށް ރަތެއް ދެއްކިއެވެ.
މާޓިނޭޒަށް ރަތެއް ދެއްކީ ކަލްވާޓް-ލެވިން އިސްތަށިގަނޑަށް ދަމައިގަތުމުންނެވެ. އެ ކާޑު ދެއްކީ ވީއޭއާރް ބެލުމަށްފަހުއެވެ.
ފަހުކޮޅުގައި ބްރޫނޯ ފެނާންޑޭޒްގެ ބޯޅައަކުން ކަސެމީރޯ ޔުނައިޓެޑަށް ގޯލެއް ޖަހައިދިން ނަމަވެސް އެޓީމަށް އެއްވަރެއް ނުކުރެވުނެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު