ބައެއް މީހުން ގަބޫލުކުރާގޮތުގައި ކޮންމެ ދުވަހަކު ގިނައިން ކުދިކެއުން ކެއުމުން ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްވެ، ބަރުދަން ލުއިވުމަށް މަގުފަހިވެއެވެ. ނަމަވެސް، ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި، ދުވާލަކު 3 ފަހަރު ނުވަތަ ހައެއްކަ ފަހަރު ކެއުމާ ދެމެދު ބަރުދަން ލުއިވުމުގައި މާ ބޮޑު ތަފާތެއް ނެތެވެ. ބަރުދަން ލުއިކުރުމަށް އެންމެ މުހިންމީ ދުވާލެއްގެ މައްޗަށް ހަށިގަނޑަށް އެތެރެކުރެވޭ ކެލަރީގެ މިންވަރު މަދުކުރުމެވެ. 3 ފަހަރު ކެޔަސް ނުވަތަ 6 ފަހަރު ކެޔަސް، އެތެރެކުރާ ކެލަރީގެ އަދަދު އެއްވަރެއްގައި ހުރިނަމަ ބަރުދަނަށް އަންނަ ބަދަލުގައި މާބޮޑު ތަފާތެއް ނުހުރެއެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ގިނައިން ކެއުމުން ކާނާ ހަޖަމުކުރުމަށް ހަށިގަނޑުން އަންދާ ހަކަތަ އިތުރުވެއެވެ. ނަމަވެސް ކާނާ ހަޖަމުކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރު ބިނާވެފައިވަނީ ކާން ބޭނުންކުރާ ކާނާގެ ބާވަތާއި ޖުމްލަ މިންވަރުގެ މައްޗަށެވެ.
ހަކަތަ ހިފެހެއްޓުމާއި ބަނޑުހައިވުން ކޮންޓްރޯލްކުރުން
ދުވާލަކު ހައެއްކަ ފަހަރު ކުދިކެއުން ކެއުމަކީ ބައެއް މީހުންނަށް ލޭގެ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ ސަބަބުން ކުއްލިއަކަށް ބަނޑުހައިވުމާއި ވަރުބަލިވުން ކުޑަކޮށްދެއެވެ. މިގޮތަށް 6 ފަހަރު ކާއިރު ބޮޑަށް ސަމާލުކަން ދޭން ޖެހެނީ ސިއްހަތަށް ފައިދާހުރި ލުއި ކާނާ އިހުތިޔާރުކުރުމަށެވެ. އެގޮތުން ގިނައިން ހަކުރު އެކުލެވޭ ކާނާޔާ ދުރުހެލިވުން މުހިންމެވެ. އަނެއްކޮޅުން، ދުވާލަކު 3 ފަހަރު ރަނގަޅަށް ކެއުމުން ގިނަ ވަގުތު ބަނޑުހައި ނުވެ ހުރުމަށް މަގުފަހިވެއެވެ. އަދި އިންސިއުލިންގެ މިންވަރު ކޮންޓްރޯލް ކުރުމަށް 3 ފަހަރު ކެއުން މާ ފައިދާހުރިކަމަށް ބައެއް މާހިރުން ލަފާދެއެވެ. ގިނަގިނައިން ކެއުމަކީ ބައެއް މީހުންނަށް ކެވޭ މިންވަރު ކޮންޓްރޯލް ނުކުރެވި، ބޭނުންވާ ވަރަށްވުރެ ގިނައިން ކެއުމަށް މެދުވެރިވާ ސަބަބެކެވެ.
އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރުން
މީގެ ތެރެއިން އެންމެ ރަނގަޅު ގޮތަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަށިގަނޑުގެ ބޭނުންތަކާ ގުޅޭ ގޮތެވެ. ބިޒީކޮށް އުޅޭ މީހުންނަށް ދުވާލަކު 3 ފަހަރު ކެއުން ފަސޭހަވެދާނެއެވެ. އަދި އަވަސް އަވަހަށް ބަނޑުހައިވާ މީހުންނަށް 6 ފަހަރު ކެއުން މާ ރަނގަޅުވެދާނެއެވެ. ވަކި ގޮތަކަށް އާދަކުރުމަށްފަހު އެ އާދައެއް ދެމެހެއްޓުމަކީ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންތެރި ކަމެކެވެ. ކޮންމެ ގޮތެއް އިހުތިޔާރު ކުރިނަމަވެސް، ރޭގަނޑު ލަހުން ކެއުމާ ދުރުހެލިވުމަކީ ހުރިހާ ސިއްހީ މާހިރުންވެސް އެއްބަސްވާ ކަމެކެވެ. އެންމެ މުހިންމު ކަމަކީ ކެއުމުގެ ވަގުތުތައް ކޮންމެ ގޮތަކަށް ބަހާލި ނަމަވެސް، ފައިދާހުރި މުއްސަނދި ކާނާ ކެއުމެވެ. ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން، ތަރުކާރީ، އަދި މޭވާ ހިމެނޭހެން ކެއުން ބައްޓަންކުރުމުން ހަކަތަ އިތުރުވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން ދުވާލުގެ ވަގުތުތަކުގައި ގިނައިން ފެން ބުއިމަކީވެސް ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ، މެޓަބޮލިޒަމް ރަނގަޅުކޮށްދޭ ކަމެކެވެ. ކެއުމުގެ އާދަތައް ބައްޓަންކުރާއިރު، ކޮންމެ ކެއުމެއްގައިވެސް ފައިބަރު އެކުލެވޭ ކާނާ ހިމެނުމަށް ސަމާލުކަން ދޭންޖެހެއެވެ.

ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު