ފ. ފީއަލީ ބޯޓުތަކުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން "ވަން"އަށް މިއަދު ބުނީ ފީއަލީ ބޯޓުތަކުގައި ރޯވި އަލިފާނުގެ ހާދިސާގައި އިތުރު ފަރުވާއަށް މާލެ ގެނައި ބިދޭސީ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.
ނިމިދިޔަ ބުރާސްފަތި ދުވަހު ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެރަށުގެ ބަނދަރުގައި އަޅާފައި އޮތް ހަތަރު އުޅަނދެއް (ތިން ދޯންޏާއި އެއް ތެޔޮ ބޯޓު) އަދި އައިސް ޕްލާންޓެއް ވަނީ އަނދައިގެން ގޮސްފައި ކަމަށެވެ.
މީގެ އިތުރުން އެ ހާދިސާގައި ދެ މީހަކު ފިހިފައިވާ ކަމަށެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ. އެތަނުން ބޮޑަށް އަނިޔާ ލިބުނު ބިދޭސީ މީހާއަށް ފަރުވާދިނުމަށް ވަނީ ސީ އެންބިއުލަންސްގައި އެދުވަހު އައިޖީީއެމްއެޗަށް ފޮނުވާލަފައެވެ.
އެމްއެންޑީއެފްއިން އެދުވަހުގެ 11:19 ހާއިރު ބުނީ ފީއަލި ބޯޓުތަކުގައި ރޯވި އަލިފާނުގެ ހާދިސާގެ ރިޕޯޓް 09:30 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔާ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާން ނިއްވާލެވުނީ 10:35 ހާއިރުއެވެ.
އެ ހާދިސާއާ ގުޅިގެން މިފްކޯއިން ބުނީ ފީއަލީ ބަނދަރުގައި ހިނގި އަލިފާނުގެ ހާދިސާގައި، ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައިކަމަށެވެ.
"މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓު. މިއީ 25 ޓަނުގެ އައިސް ޕްލާންޓެއް. މި އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައީ ޖޫން 2025 ގައި ފެނަކައިން މިފްކޯއާ ހަވާލުކުރުމުން، 1 ސެޕްޓެމްބަރު 2025 ގައި." މިފްކޯއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ