ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީއޯ)އިން މިރޭ ބުނީ އައްމަޓީއަށް ކުރާ ހިޔާނާތުގެ ދައުވާތަކުގެ އިސްތިއުނާފީ މަރުހަލާ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް މިއަދު ހައިކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ހައިކޯޓުން މިއަދު ވަނީ އެ އަމުރު ނެރެދީފައިކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި މައްސަލައިގައި، އައްމަޓީއަށް ހިޔާނާތުގެ 42 ދައުވާއެއް ކުރެއެވެ. އައްމަޓީގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގައެވެ.

އައްމަޓީގެ މައްޗަށް ކުރި ހުކުމުގައި ވަނީ، އެ ދައުވާތަކަކީ މަދަނީ ތަބީއަތުގެ ދައުވާތަކެއް ކަމަށާއި، އައްމަޓީގެ އެ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށެވެ. އެހެންކަމުން އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމާ ގުޅިގެން ޕީޖީ އޮފީހުން އެ ދުވަހު ބުނެފައިވަނީ އެ މައްސަލައިގައި އައްމަޓީގެ މައްޗަށް ކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކަކީ، ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއް ކަމަށް ދެކޭ ކަމަށެވެ. އަދި މިއީ މަދަނީ ތަބީއަތުގެ މުއާމަލާތްތަކެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ދައުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމާ ނުލައި އަދި ގާނޫނުގައި ހިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅު ނޫން މާނަކުރުމެއް ދީގެންކަމަށް ދެކޭ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން، އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުން، ހައުސިން ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިން ޔުނިޓުތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެއި 30 ގައެވެ.