އިރާނުގެ ބޯޓުތަކަށް ހޮރުމޯޒު ކަނޑުއޮޅި ހުރަސް ނުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިރާނާއި އެމެރިކާ ޕާކިސްތާނުގައި ބޭއްވި މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުން ރައީސް ޓްރަމްޕް ވަނީ އިރާނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ހޮރުމޯޒް ކަނޑުއޮޅި އެމެރިކާގެ ނޭވީ ބޭނުންކޮށްގެން ބަންދުކޮށްފައެވެ.

ޓްރަމްޕްގެ އޯޑަރަށް ހޮރުމޯޒް ކަނޑުއޮޅި އިއްޔެއިން ފެށިގެން ބަންދުކޮށްފައިވާއިރު އެ ކަނޑުއޮޅިން އެއްވެސް ގައުމެއްގެ ބޯޓަކަށް ހުރަސް ކުރެވޭނީ އެމެރިކާގެ ހުއްދައާއެކު ކަމަށް ވަނީ ނިންމައިފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ނޭވީން ހޮރުމޯޒް ކަނޑުއޮޅި ބަންދުކޮށް ހާއްސަ ހުއްދައާއިއެކު ބޯޓުތައް ހުރަސް ކުރެވޭގޮތް ހަދާފައި ވީނަމަވެސް އިރާނަށް ނިސްބަރްވާ އެއްވެސް ބޯޓަކަށް ހޮރުމޯޒް ކަނޑުއޮޅި ހުރަސް ނުކުރެވޭނެ ކަމަށެވެ.

އިރާނުން އެ ގައުމުގައި އުފައްދާ ތެޔޮ ގައުމުން ބޭރުކުރާ މަގެއްގެ ގޮތުގައި ހޮރުމޯޒް ކަނޑުއޮޅި ބޭނުންކުރާއިރު އެމެރިކާއިން އިރާނުގެ ބޯޓުތަކަށް ހުރަސް އަޅާނަމަ އެކަމުގެ ގެއްލުން ވާނީ ބައިނަލްއަގުވާމީ އިގްތިސޯދަށް ކަމަށް އިރާނުން ބުނެއެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމައިލް ބަގޭރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުތަކާ ހިލާފަށް އަމަލުތައް ހިންގައި ހަނގުރާމަ ކާމިޔާބު ކުރެވިއްޖެކަމަށް ބުނެ ދުނިޔޭގެ އިގްތިސޯދާ ދެކޮޅަށް އެެެމެރިކާއިން އަަަމަލުކުރާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ހޮރުމޯޒް ކަނޑުއޮޅި ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާ ނޭވީގެ އުޅަނދުތަކަށް އިރާނުން ހަމަލާއެއް ދީފިނަމަ ހިތިކޮށް ބަދަލު ހިފާނެކަމަށެވެ.