މީހަކު މާރާލަން ހަމަލާދިން މައްސަލައެއްގައި ދިހަ އަހަރުގެ ހުކުމެއް އިއްވާފައި އޮތް އިސްމާއިލް އާސިފް މިނިވަންވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ އަދަބު ލުއިކޮށްދިނުމުން ކަން "ވަން" އަށް އެނގިއްޖެއެވެ.

މާލޭ ގެއަކުން މިދިޔަ މަހު ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި އާސިފް، 36، ވަނީ ހައްޔަރުކޮށްފައިވާއިރު، މިދިޔަ އަހަރުވެސް އެއްބަނޑުއެއްބަފާ ބޭބެގެ ބޮލަށް ކަތިވަޅިއެއް ހަރާލައިގެން އޭނާ ހައްޔަރުކުރިއެވެ.

މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ، އާސިފްއަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ސެޕްޓެމްބަރު 2022ގަ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އާސިފްގެ އަދަބު ފަސް ދުވަހަށް ލުއިކޮށްދީފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް 19 ސެޕްޓެމްބަރު 2023 ގައެވެ. އެހެންކަމުން 25 ސެޕްޓެމްބަރު 2023 އިން ފެށިގެން އާސިފް ވަނީ މިނިވަންވެފައެވެ،

ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ބަޔަކު ދޫކޮށްލި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.