ރާއްޖެއާއި ފޯޅަވައްސާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، އެ މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 17/2026 އިން އުފެއްދެވި "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން" އަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިހުތިޔާރުގެ ދަށުން އެކުލަވައިލެއްވި ކޮމިޝަނެއް ކަމަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސް މުއިއްޒު ވަނީ މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން އިއުލާނުކުރައްވައިފައެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް އައްޔަނުކުރި ބައިނަލްއަގުވާމީ ހަބީރުންގެ ރިޕޯޓުތަކުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުނީ ދައުލަތުން ކަންކުރި ގޮތުން ކަމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ. އެއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑު އަދި ކަނޑުއަޑީގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށްވާތީ، މި މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކަމަށެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަލްއުސްތާޒު އަހުމަދު ޝާކިރު (ކަށިމާ ޝާކިރު) އެވެ.

ކޮމިޝަންގައި ދެން ހިމެނިވަޑަައިގަންނަވާ މެންބަރުން

  • އަބްދުލްއަޒީޒް ޔޫސުފު
  • ޑރ. އާމިނަތު ޝާފިޔާ އާދަމް
  • ޑރ. އަބްދުލްމުހުސިން މުޙައްމަދު
  • ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ސޯދިގު
  • އަހުމަދު އަލީމަނިކު
  • އަލްއުސްތާޒާ ފާޔިމަތު މިންހަތު އިއްޒަތު

ރައީސް އޮފީހުން ބުނި ގޮތުގައި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިޓްލޮސްގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މައްސަލަ ކުރިއަށްދިޔަ ގޮތާއި، ރާއްޖެއިން ޖަވާބުދާރީވުމުގައި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކުން އަމަލުކުރި ގޮތް ބަލައި ތަހުގީގުކުރުން ހިމެނޭ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންގެ ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލުގެ އިންތައް ކަނޑައެޅުންވެސް ކޮމިޝަނަށް ވަނީ މަތިކޮށްފައެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކުރެވިފައިވާ ގޮތް ތަހުގީގުކުރުމާއި، ޒިންމާ ކުރުވާން ޖެހޭ ފަރާތްތަކާމެދު އަޅަން ފެންނަ ފިޔަވަޅުތައް ކަނޑައެޅުމުގެ ބާރުވެސް ކޮމިޝަނަށް ވަނީ ދީފައެވެ. އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުންވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޝަނަކީ އެ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެކެވެ.