ހަންގަނޑު ރީތިކޮށްދޭނެކަމަށް ބުނާ ބޭހާއި، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީސް (އެމްއެފްއެންޑީއޭ)ގެ ހުއްދަ ނުނަގައި ތަފާތު ބޭސް ވިއްކާ ޕޭޖުތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އަނެއްކާވެސް އެ އޮތޯރިޓީން ދީފިއެވެ.

ހަންގަނޑު ރީތިކުރާ ބޭސް ކަމަށްބުނެ، ބޭސް ވިއްކާ އޮންލައިން ޕޭޖުތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން މި އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުވެސް ވަނީ ދީފައެވެ.

އެ އޮތޯރިޓީން އިއްޔެ ގެޒެޓުގައި ޝާއިއުކުރި އިއުލާނުގައިވާގޮތުން 19 ފެބްރުއަރީ ވަނަ ދުވަހު އެމްއެފްއެންޑީއޭގެ އިއުލާނުގައި ބަޔާންކޮށްފައިވާ ބޭސްތަކުގެ އިތުރުން، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި (މަސަލް ބިލްޑް)، ހަންގަނޑު ރީތި ކުރުމަށާއި ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، އެކިއެކި ނަންނަމުގައި، ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމަށް ނަގާން ޖެހޭ ހުއްދަތައް ނުނަގައި އިމްޕޯޓްކޮށް، އެކިއެކި ކްލެއިމްތައްކޮށް، އޮންލައިން މަސްދަރުތަކުގައާއި ބައެއް އާއްމު ފިހާރަތަކުންވެސް އިޝްތިހާރުކޮށް ވިއްކަމުންދާކަން އެ މުއައްސަސާއަށް ފާހަގަ ކުރެވިފައިވެއެވެ.

"ޑޮކްޓަރެއްގެ އިރުޝާދާ ނުލައި އެފަދަ ތަކެތި ގަނެ އާއްމު ބައެއް ފަރާތްތަކުން އެފަދަ ތަކެތި ބޭނުން ކުރަމުންގެންދާކަން ވަނީ ފާހަގަ ކުރެވިފައި. މިގޮތަށް ނަގާން ޖެހޭ ހުއްދަތައް ނުނަގައި ވިއްކާ ބޭސްތަކަކީ މިއޮތޯރިޓީގެ ފަރާތުން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫން. އެހެންކަމުން، މިފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާއްމު ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ." އެމްއެފްއެންޑީއޭއިން ބުންޏެެވެ.

އެގޮތުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނަކަމަށް އެމްއެފްއެންޑީއޭ ފާހަގަކޮށްފައިވެއެވެ. އެފަދަ ބޭސް ތަކަކީ ހަމަ އެކަނި ހުއްދަ ނަގައިގެން ހިންގާ ފާމަސީ ތަކުގައި، އެބޭސްތަކަށް ނަގަން ޖެހޭ ހުއްދަ ނަގައިގެން ވިއްކޭނެ ތަކެތި ކަމުގައިވެސް ބުނެފައިވެއެވެ.

ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކާ މިފަދަ ޕްރޮޑަކްޓްތައް މާކެޓުން ނެގުމުގެ މަސައްކަތް މިއޮތޯރިޓީން ކުރިއަށް ގެންދާނެ ކަމުގައިވެސް އަންގަމެވެ. ވީމާ، މިއޮތޯރިޓީގެ ހުއްދަނެތި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާ މެދު ބޭހާއިބެހޭ ގަވާއިދު (ނަމްބަރު: 2014/R-46) އަދި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ނަންބަރު2015/29) ގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކ ކަމަށް އެ އޮތޯރިޓީގެ އިއުލާނުގައިވެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު: 7200321 އަށް ގުޅުމަށް އެމްއެފްއެންޑީއޭއިން ވަނީ އެދިފައެވެ.