ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށާއި މުޖުތަމައުގެ ހުރިހާ ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިފަދައިން އިލްތިމާސް ކުރެއްވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

އެ މަނިކުފާނުގެ މެސެޖުގައި، ރައްކާތެރި ކާބޯތަކެތީގެ ސަބަބުން އާންމު ސިއްހަތަށާއި ދެމެހެއްޓެނިވި ތަރައްގީއަށާއި އިންސާނާގެ ދުޅަހެޔޮ ކަމަށް ލިބޭ ބޮޑު ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށާއި މިއީ ސިއްހީ ނިޒާމަށާއި ދިރިއުޅުމުގެ ވަސީލަތްތަކަށާއި ގައުމުގެ އިގުތިސޯދަށް އޮތް ބޮޑު ބުރައެއްކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި ވަނީ ރާއްޖޭގައި ބޭނުންކުރާ އެންމެހާ ކާބޯތަކެތީގެ ރައްކާތެރިކަމާއި އެތަކެއްޗަކީ ހަށިގަނޑަށް ފައިދާ ހުރި އަދި އިތުބާރުކުރުވޭ މިންގަނޑުތަކެއްގެ ތެރެއިން ފޯރުކޮށްދޭ ތަކެތިކަން ކަށަވަރު ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ސަރުކާރުން ހަދަންޖެހޭ ގަވައިދުތައް އެކުލަވާލުމާއި ބޯޑަރުތަކުގައި ކާބޯތަކެތި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓާކޮށް ޓެސްޓު ކުރުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ނުރައްކާތެރި ކާބޯތަކެއްޗާއި ތަގައްޔަރުވެފައިވާ ފެނުގެ ސަބަބުން އިންސާނީ ތަކްލީފުތައް އިތުރަށް ބޮޑުވަމުންދާ ގާޒާ ހިމެނޭހެން، ކާރިސާތަކާއި އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތްތައް ކުރިމަތިވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާ އެކު ރާއްޖެއިން ސާބިތުކަމާއެކު އޮތްކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުން ސައިންސާއި ހެކިތަކުގެ އަލީގައި އަދި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.