ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ހިދުމަތް ދީފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކަކަށް ކަރަންޓުގެ މައްސަލަ ކުރިމަތިވެފައިވަނީ މިއަދު މެންދުރުފަހު 3:00 ހާއިރުއެވެ. އޭރުން ފެށިގެން މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ދިޔައީ ކުރަމުންނެވެ.
ސްޓެލްކޯ އިން މިރޭ ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވެއްސަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ، ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް މިހާރު ވަނީ ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދެވިފައި ކަމަށެވެ.
ދެވަނަ ފިޔަވަހީގައި ކަރަންޓު ނުދެވި ވަނީ ބީޗް ސަރަހައްދުގެ ބައެއް ކަސްޓަމަރުންނަށް އެކަނި ކަމަށާއި އެ ކަސްޓަމަރުންނަށް އަލުން ހިދުމަތްދިނުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދަތިތައް ދިމާވި ހުރިހާ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި އަދި ދިމާވި އެ ދަތި ދަނޑިވަޅުގައި އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދިޔަ ބުރަ މަސައްކަތްތަކަށް ހިތްވަރުދީ، ދިން އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ