ތެލަސީމިއާ ކުދީންނަށް ބޭނުންވާ ލޭ ހޯދުމާއި، އެ ކުދީންނަށް ލޭ ދިނުމަށް ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ނުގެނެވިގެން އުޅޭ މައްސަލައިގައި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއާ ސުވާލު ކުރަން އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފިއެވެ.

މާދަމާގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވަނީ ލިޔުމުންނެވެ.

ލޭ ހޯދުމަށް ދިމާވާ މައްސަލަތަކުގެ އިތުރުން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި، ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި، ލޭގެ ހިދުމަތާ ބެހޭ ގައުމީ ނިޒާމު ގާއިމުކޮށް ތެލަސީމިއާ ކުދީންނަށް ލޭ ދޭނެ ފަރާތްތަކުގެ ގޮތުގައ،ި އެ ކުދީން ސެންޓަރަށް ތައާރަފު ކޮށްދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ލޭގެ ތަފްސީލު ހިމެނޭ ދަފުތަރެއް ގާއިމު ނުކޮށްވާ މައްސަލައިގައިވެސް މާދަމާ މިނިސްޓަރާ ސުވާލު ކުރުން ހިމެނެއެވެ.

މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ، ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ހުށަހަޅުއްވާފައިވާ ވަތަނީ ހިދުމަތުގެ ބިލުގެ ބަހުސްވެސް ކުރިއަށްގެންދިއުމަށް މާދަމާއަށް ވަނީ އެޖެންޑާކޮށްފައެވެ.

މަޖިލީހުގެ ޖަލްސާއެއް މާދަމާ ފަށަނީ ދިގު މެދުކެނޑުމަކަށްފަހުގައެވެ.

އެންމެ ފަހުން މަޖިލިސް ޖަލްސާއެއް ބޭއްވީ މިދިޔަ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ ރޯދަމަހުގެ ފަހު 10 އަކަށް ޖަލްސާތައް މެދުކަނޑައިލިއެވެ.

މިދިޔަ ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ނަމަވެސް މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ބައެއް ބިލުތައް ނިންމަން ކޮމިޓީތަކުން ދިން ސުންގަޑި ހަމަވާތީ އެކަންކަން ނިންމުމަށް އިތުރު ސުންގަޑިތައް ކަނޑައެޅުމަށެވެ.