ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އީރާނާއި އެމެރިކާޔާ ދެމެދު ބޭއްވުނު މަޝްވަރާތައް ނާކާމިޔާބުވެގެން ނިމިއްޖެއެވެ. މިކަން އިއުލާން ކުރެއްވުމަށްފަހު އެމެރިކާގެ ވަފުދުގެ ވެރިޔާ އަދި އެ ގައުމުގެ ނާއިބުރައީސް ޖޭޑީ ވޭންސް ޕާކިސްތާނުން ފުރާވަޑައިގެންފިއެވެ. މީގެ މާނަޔަކީ ކޮބައިހެއްޔެވެ؟ އަލުން ހަނގުރާމަ ފެށުން ހެއްޔެވެ. މިދިޔަ ބުދަދުވަހު ހެނދުނުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ އޮތީ މެދުކަނޑާލެވިފައެވެ. ދާއިމީ ސުލްހައެއް ގާއިމުކުރުމަށްޓަކައި މަޝްވަރާ ކުރުމަށެވެ. ތިމަންނާމެންގެ އެންމެފަހު އަދި އެންމެ ރަގަޅު ހުށައެޅުން ހުށައަޅައިފީމޭ އެކަމަކު އީރާނުން އެ ހުށައެޅުން ބަލައެއްނުގަތޭ ވިދާޅުވެފައި ޖޭޑީ ވޭންސް މި މަޝްވަރާތައް ނިންމައިލެއްވުމުގެ މާނަޔަކީ ހަނގުރާމަ އަލުން ފެށުންކަމަށް ބެލުމަށް ފުރުސަތު އެބައޮތެވެ. އެކަމަކު ހިޔެއްނުވެއެވެ. ހަމަލާތައް އަލުން ފެށުމަކީ އެމެރިކާގެ މަސްލަހަތު ނިޔާކުރާ ކަމަކަށް ނުވާތީއެވެ. އެމެރިކާޔާއި އިޒްރޭލުން ސީދާގޮތެއްގައި އީރާނަށް ހަމަލަ ނުދެންޏާ އީރާނުންވެސް ހަމަލަތަކެއް ދީފާނެ ކަމަށް ނުބެލެވެއެވެ.
ހަނގުރާމަ އަލުން ފެށުމަކީ އީރާނުވެސް އެންމެ ބޭނުންވާ ގޮތެއް ނޫނެވެ. އިސްލާމްއާބާދުގައި މަޝްވަރާތައް ކުރިއަށްދަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މީސްމީޑިއާއަށް ދޫކުރި މެސެޖަކުންވެސް ގަބޫލު ކުރެވެނީ ހަނގުރާމަ އަލުން ފެށުމަށްވުރެ ކައިރީ ނުފެށުން ކަމުގައެވެ. އޭނާގެ މެސެޖުގައި ބުނެފައިވެއެވެ. މަޝްވަރާތައް ކޮންމެ ގޮތަކަށް ނިމުނަސް ފަރުވާލެއް ނެތެވެ. މި ހަނގުރާމައިން އެމެރިކާ އޮތީ މޮޅުވެފައެވެ. އީރާނުގެ މައްޗަށް އެމެރިކާއަށް މޮޅު ހޯދިފައިއޮތިއްޔާ ދެން އަލުން ހަމަލާތައް ފެށުމުގެ ބޭނުމެއް ނޯންނާނެތާއެވެ. ޓްރަމްޕު އެބުނަނީ ހަނގުރާމައިން ނެރެން ބޭނުންވި ނަތީޖާ ނެރެވިފައިވާ ކަމުގައެވެ. ހަގީގަތް ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސްމެއެވެ. މަޝްވަރާތައް ނާކާމިޔާބުވެގެން ނިމިއްޖެކަން އިއުލާން ކުރެއްވުމަށްފަހު ނާއިބުރައީސް ޖޭޑީ ވޭންސް ވިދާޅުވިއެވެ. އީރާނަށް އަދިވެސް ފުރުސަތު އެބައޮތެވެ. އެމެރިކާގެ ހުށަައެޅުމާމެދު އީރާނުން އަދިވެސް އިތުރަށް ވިސްނަންވީއެވެ. ވިސްނަވިސްނައިފައި އެންމެ ހެޔޮގޮތް އިޚުތިޔާރު ކުރުމަށް އަދިވެސް ވަގުތު އެބައޮތެވެ.
އެމެރިކާއިން އިންތިޒާރު ކުރާނޭ ކަމަށް އޭނާ އެއޮތީ ވިދާޅުވެފައެވެ. ޖޭޑީ ވޭންސްގެ މިވާހަކައިންވެސް މޭރުންވަނީ އަވަސްއަވަހަށް ހަނގުރާމަ އަލުން ފެށުމުގެ ވިސްނުމެއް އެމެރިކާގެ ކިބައިގައި ނެތްކަމެވެ. އިސްލާމްއާބާދުގެ މަޝްވަރާތައް ނިމުނުގޮތާމެދު އީރާނުން ބުނެފައިވަނީ ކީކޭބާވައެވެ. އީރާނުގެ ވަފުދުގެ ފަރާތުން ބުންޏެވެ. އެމެރިކާއިން ބަލަމުންއައީ ކޮންމެވެސް ބަހަނާއެއް ކުރިމަތިކޮށްފައި މަޝްވަރާޔަށް ފުރަގަސްދެވޭނެ ކޮންމެވެސް ގޮތެކެވެ. އެގޮތުން ބަހަނާއެއް ދައްކައިފައި ބޯދަމައިގަތީއެވެ. އީރާނުގެ ރަސްމީ މީޑިއާއިންވެސް މިކަމާމެދު ބުނެފައިވަނީ މިހެންނެވެ. މަޝްވަރާތައް ކާމިޔާބު ކުރުމުގެ ނިޔަތެެއް އެމެރިކާގެ ކިބައިގައި ނުވެއެވެ. މަޝްވަރާވެސް ކުރީމޭ ބުނަންވެގެން އިސްލާމްއާބާދަށް ދިޔައީއެވެ. އެތަނުގައި އެއްދުވަސް ހޭދަކޮށްފައި އިރާނުގެ ބޮލުގައި އިލްޒާމެއް އަޅުވައިފައި އެނބުރި ގައުމަށް ދިޔައީއެވެ. ކޮންމެއަކަސް އެމެރިކާއިން އައު ހުށައެޅުމެއް ހުށައެޅި ވާހަކަޔާއި އެއީ އެމެރިކާއިން ހުށައަޅާނެ އެންމެފަހުގެ ހުށައެޅުން ކަމަށް ޖޭޑީ ވޭންސް އެއޮތީ ވިދާޅުވެފައެވެ.
އެ ހުށައެޅުމުގައި ބުނަނީ ކޮންކޮން ވާހަކަތަކެއް ހެއްޔެވެ. އީރާނުން ބަލައިނުގަތް ކަމަށް ޖޭޑީ ވޭންސް ވިދާޅުވާ ހުށައެޅުމުގައިހުރި ނުގުތާތަކާމެދު އެއްވެސް ބަޔަކު މިހާތަނަށް ތަފުސީލެއް ނުދެއެވެ. އެމެރިކާއަކުންވެސް އަދި އީރާނަކުންވެސް އެކަމާމެދު އެއްވެސް އެއްޗެއް ނުބުނެއެވެ. އަދިކިޔެއްތަ މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނަކުންވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު ގަބޫލުކުރެވެނީ އޭގައިހުރީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމުގެ ވާހަކަ ކަމުގައެވެ. އީރާނުން ފައްކާކޮށްފައިވާ ބައިޓަނުގެ ޔުރޭނިއަމް އެމެރިކާޔާއި ހަވާލުކުރުމާއި އެއްވެސް ސިފައެއްގައި އެއްވެސް ބާވަތެއްގެ ނިއުކުލިއަރ ޕްރޮގްރާމެއް ނުހިންގުމުގެ ވާހަކަޔާއި އެއްހާސް ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ލިބިގެންވާ މިސައިލް ނައްތައިލުމުގެ ވާހަކައެވެ.
ނިއުކުލިއަރ ބޮން ނުއުފައްދާނޭ ކަމުގެ ޔަގީންކަން މަތިމައްޗަށް ދޭންވެސް އީރާނު ތައްޔާރެވެ. އެކަމަކު ފައްކާކުރި ޔުރޭނިއަމް އެމެރިކާޔާއި ހަވާލުކުރުމާއި މިސައިލް ޕްރޮގްރާމް ހަނިކުރުމަކީ އީރާން އެއްބަސްވާކަމެއް ނޫނެވެ. އެއްބަސްވާނެ ކަމެއްވެސް ނޫނެވެ. އެކަން ވަރަށް ރަނގަޅަށް އެމެރިކާއަށް މޭރުންވެއެވެ. އެކަންކަން ކުރިމަތިކޮށް ބަހަނާ ދައްކައިފައި އެމެރިކާއިން ބޯދަމައިގަތިއްޔާ އީރާނުން އެބުނަނީ ތެދުވާހަކައެކެވެ. މަޝްވަރާތައް ކާމިޔާބުކުރުމުގެ ހަގީގީ ނިޔަތެއް އެމެރިކާގެ ކިބައިގައި ނެތީއެވެ. އެކަން ކަށަވަރެވެ. މި މަޝްވަރާތައް ނާކާމިޔާބުވެގެން މިވަގުތަކަށް ނިމުނަސް އަދިވެސް މަޝްވަރާޔަށް ފުރުސަތު ދިނުމަށް ދުނިޔޭގެ ގައުމުތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އެމެރިކާގެ މިތުރުންނާއި ހަތުރުންވެސް ހިމެނޭގޮތުންނެވެ. އެގައުމުތަކުން ބިރުގަންނަނީ ހޮރުމުޒް ކަނޑުއޮޅި ބަންދުވެފައި އޮވެދާނެތީއެވެ. އެންމެންގެ ކަންބޮޑުވުމަކީވެސް ހޮރުމުޒް ކަނޑުއޮޅިއެވެ.
ހަނގުރާމަ މެދުކަނޑައިލުމުގެ ނަތީޖާއެއްގެ ގޮތުން ކަނޑުއޮޅި މިހާރު އެއޮތީ ގޮތަކަށް ހުޅުވިފައެވެ. އެމެރިކާގެ ނޭވީގެ ދެ މަނަވަރެއްވެސް ކަނޑުއޮޅި ހުރަސްކުރި ކަމަށް އެމެރިކާއިން އެބަބުނެއެވެ. އީރާނާ ދެކޮޅަށް އަލުން ހަމަލަތައް ފަށައިފިއްޔާ އެއްވެސް ޝައްކެއްނެތި އީރާނުން އެ ކަނޑުއޮޅި އަނެއްކާވެސް މުޅިން ބަންދުކުރާނެއެވެ. އެއީ އެމެރިކާއަށް ހުއްޓުވޭނޭ ކަމެއް ނޫނެވެ. ކަނޑުއޮޅި ހުޅުވާފައި ބޭއްވޭނެ ހަމައެކަނި ގޮތަކީ ހަނގުރާމަވެސް ހުއްޓާލައިގެން ތިބުމެވެ. މިކަމަށް ރިއާޔަތްކުރާއިރު ބުރަވެވެނީ މަޝްވަރާތައް ނާކާމިޔާބުވިޔަސް އީރާނާ ދެކޮޅަށް އަލުން ހަމަލަތައް ފަށަން އެމެރިކާއިން ނުވިސްނާނޭ ކަމުގައެވެ. މިކަން މިހެންއޮތަސް ރައީސް ޓްރަމްޕަކީ ބަޔަކު މީހުންނަށް ލަފާކުރަންވެސް ފަސޭހަ ބީދަޔަކުން ހިސާބުޖަހާ މީހެއް ނޫނެވެ. އޭނާ ކުރާނީ އެވަގުތަކު އޭނާ ހިތަށް އެރިކަމެކެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީވެސް އެގޮތަށެވެ. އެހެންވީމާ ޔަގީންކަމާއެކު ދެންވާނީ މިހެންނޭ ބުނަން އެއްވެސް ބަޔަކަަށް ނޭނގޭނެއެވެ. ލަފާކުރެވޭ ކުރުންތަކަށް ރިއާޔަތްކުރާއިރު ދެންނެވެންއޮތީ ހަނގުރާމަ އަލުން ފެށުމަށްވުރެ ކައިރީ ނުފެށުން ކަމުގައެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން