އީރާނާއި އެމެރިކާގެ މެދުގައި ސުލްހައިގެ މަޝްވަރާތައް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި (މިއަދު) ހޮނިހިރުދުވަހު ފަށާނެއެވެ. މި މަޝްވަރާތަކުގައި ބައިވެރިވާ މަންދޫބުން މިހާރުވަނީ އިސްލާމްއާބާދަށް ވަޑައިގެންފައެވެ. އީރާނުގެ ފަރާތުން ޕާލަމަންޓުގެ ސްޕީކަރު މުހައްމަދު ބާގިރު ގާލީބާފް އާއި ޚާރިޖީވަޒީރު އައްބާސް އަރާގްޗީއެވެ. އެމެރިކާގެ ފަރާތުން ނާއިބުރައީސް ޖޭޑީ ވޭންސާއި ސްޓީވް ވިޓްކޯފް އަދި ޖަރެޑް ކުޝްނަރ އެވެ. މީގެތެރެއިން ވިޓްކޯފާއި ކުޝްނަރއަކީ ރައީސް ޓްރަމްޕުގެ މަޝްވަރާ ޓީމުގައި ހިމެނިގެން މީގެކުރިންވެސް އީރާނުގެ މަންދޫބުންނާއެކު ސުވިޒަރލެންޑުގެ ޖެނީވާޔާއި އޮމާނުގެ މަސްކަތުގައި ވާހަކަ ދައްކާފައިވާ މީހުންނެވެ. އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީއަކީ މީގެކުރިން އެމެރިކާޔާއެކު ބޭއްވިފައިވާ ބައްދަލުވުންތަކުގައި އީރާނު ތަމްސީލު ކުރެެއްވި ފަރާތެވެ. އައު ލީޑަރުންނަކީ ގާލީބާފްއާއި ޖޭޑީ ވޭންސެވެ. މި ދެބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ އަނެއް ގައުމުން އެދިގެންނެވެ.

އެމެރިކާގެ ވަފުދުގައި ޖޭޑީ ވޭންސް ހިމެނުމަކީ އީރާނުގެ އެދުމެކެވެ. ހަމައެފަދައިން އީރާނުގެ ވަފުދުގައި ގާލީބާފް ހިމެނުމަކީ އެމެރިކާގެ އެދުމެކެވެ. ކޮންމެއަކަސް އިސްލާމްއާބާދުގެ މަޝްވަރާތަކުގައި ބައިވެރިވާންގޮސް އެތިބީ ވަރަށްވެސް ސީނިއަރ ބޭފުޅުންނެވެ. ދެ ގައުމުގެ މެދުގައި ވާހަކަތައް ކުރިއަށް ގެންދިއުމަށް ގަސްތު ކުރެވިފައިވަނީ ފަނަރަ ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތަށް ޖޭޑީ ވޭންސާއި ގާލީބާފް ޕާކިސްތާނުގައި ނުތިއްބަވާނެއެވެ. ހޮނިހިރުދުވަހުގެ މަޝްވަރާތަކަށްފަހު އެ ދެބޭފުޅުން އެނބުރި ގައުމަށް ވަޑައިގަންނަވާނެއެވެ. މީގެ މާނަޔަކީ ދެ ހަފުތާގެ މުއްދަތަށް މަޝްވަރާތައް ކުރިއަށްދާނީ އެކި ބުރުތަކަށް ބަހާލައިގެންނެވެ. އެކި ބުރުތަކުގައި ބައިވެރިވާ މަންދޫބުން ތަފާތުވެދާނެއެވެ. ހަނގުރާމަ މެދުކަނޑާލާފައި އެވަނީ ދެ ހަފުތާއަށެވެ. ދާއިމީ ނިމުމެެއް ގެނައުމުގެ އެއްބަސްވުން ފައިދާވާނީ މި މަޝްވަރާތަކުންނެވެ. މަޝްވަރާތައް ބޭއްވޭނީ އިސްލާމްއާބާދުގެ ސެރީނާ ހޮޓަލުގައެވެ.

މި ހޮޓަލަކީ ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއާ ޖެހިގެން ހުންނަ ތަނެކެވެ. އެމެރިކާޔާއި އީރާނުގެ މަޝްވަރާތަކަށްޓަކައި މިދިޔަ ބުދަދުވަހުން ފެށިގެން މި ހޮޓާވަނީ ހުސްކޮށްފައެވެ. އެތަނުގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މަޝްވަރާތަކުގައި ބައިވެރިވާ މަންދޫބުންގެ ތެރެއިން އީރާނުގެ ބޭފުޅުން ތިއްބެވުމަށް ހަމަޖެހިފައިވަނީވެސް މި ހޮޓަލުގައެވެ. އެކަމަކު އެމެރިކާގެ މަންދޫބުން ތިއްބަވާނީ އެހެން ތަނެއްގައެވެ. އެއީ ކޮންތަނެއްކަން ސަލާމަތީ ަސަބަބުތަކަށްޓަކައި ވަނީ ސިއްރު ކުރެވިފައެވެ. އެމެރިކާޔާއި އީރާނުގެ މެދުގައި މަޝްވަރާތައް ފެށުނަސް އެންމެ ފުރަތަމަ އެކަން ކުރިއަށްދާނީ ނުސީދާކޮށެވެ. ދެފަރާތުގެ މަންދޫބުން އެއް ހޮޓަލެއްގައި ތިއްބެވިޔަސް މަޝްވަރާތައް ކުރިއަށްދާނީ ދެ ކޮޓަރިއެއްގައި ތިއްބަވައިގެންނެވެ. ދެފަރާތުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާނީ ޕާކިސްތާނުންނެވެ. އެއްފަރާތުން ބުނާ އެއްޗަކާއި ހުށައަޅާ ހުށައެޅުންތައް އަނެއް ފަރާތަށް ގެންގޮސްދޭނީ ޕާކިސްތާނުގެ ކޮންމެވެސް އޮފިޝަލެކެވެ.

މިދެންނެވި ދައުރު އަދާކުރައްވާނެ ކަމަށް ގަބޫލުކުރެވޭ ބޭފުޅަކީ ޕާކިސްތާނުގެ ޚާރިޖީވަޒީރު އިސްހާގު ޑާރެވެ. މަޝްވަރާތައް ފަށާއިރު ދެފަރާތުގެ މަންދޫބުންނާވެސް އެކުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފާއި އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވަކިވަކިން ބައްދަލު ކުރައްވާނެއެވެ. މި މަޝްވަރާތަކަށްޓަކައި ބައިނަލްއަގުވާމީ މީޑިއާގެ ބޮޑު ޓީމެއްވެސް ވަނީ އިސްލާމްއާބާދަށް ގޮސްފައެވެ. އަދި ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް އެމެރިކާގެ އަސްކަރިއްޔާގެ ތިރީސް އޮފިސަރުންގެ މައްޗަށް އެކުލެވޭ ޓީމެއްވެސް ވަނީ އިސްލާމްއާބާދަަށް ގޮސްފައެވެ. އީރާނުންވެސް ހަމައެފަދަ ޓީމެއް ވަނީ ފޮނުވައިފައެވެ. އެއީ ކޮންމެހެން ޕާކިސްތާނަށް އިތުބާރު ނުކުރެވޭތީއެއް ނޫނެވެ. ކޮންމެ ބަޔަކުވެސް އާރާއިބާރު ހުރިކަން ދައްކައިލުމަށް ކުރާ ކަމަކީއެވެ. ޕާކިސްތާނުގައި މަޝްވަރާތައް މިބޭއްވެނީ އެފަދަ ކަމަކަށް އެމެރިކާއިން އެންމެ އިތުބާރުކުރާ ގައުމަކީ ޕާކިސްތާނު ކަމަށް ވެގެނަކުން ނޫނެވެ. ގޮތަކަށް މަޖުބޫރު ވެގެންނެވެ.

ޕާކިސްތާނަކީ އީރާނާ އިންވެގެންވާ ގައުމެކެވެ. ޕާކިސްތާނުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ނެތެވެ. އީރާނުގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އީރާނުން އެންމެ އިތުބާރު ކުރާކަމަށް ފެންނަނީވެސް ޕާކިސްތާނަށެވެ. އަނެއްކޮޅުން ޗައިނާއާއި ސައޫދީ އަރަބިޔާ އަދި ތުރުކީ ވިލާތާއި މިސްރުން މިކަމުގައި އެންމެ ބޮޑަށް އިތުބާރު ކުރަނީވެސް ޕާކިސްތާނަށެވެ. ހަނގުރާމަ މެދުކަނޑައިލުމުގެ ވަގުތީ އެއްބަސްވުމެއް ފައިދާކުރެވުނީވެސް ޕާކިސްތާނުގެ މަސައްކަތުންނެވެ. އެހެންވީމާ މި މަޝްވަރާތައް ޕާކިސްތާނުގައި ކުރިއަށް ގެންދާގޮތަށް ހަމަޖެހުނީއެވެ. މިކަންތަކަށްފަހު ޕާކިސްތާނާއި އެމެރިކާގެ ގުޅުންތަކަށްވެސް ފުރިހަމަ ކަމެއް އަންނާނޭ ކަމަށް ޕާކިސްތާނުން އުންމީދު ކުރެއެވެ. މި ގުޅުންތައް މިހާރުއޮތީ ވަރަށް އެހެންކަހަލަ ހިސާބެއްގައެވެ. މިހާރުވެސް ޕާކިސްތާނުގައި އެމެރިކާގެ އެމްބެސަޑަރަކު ނެތެވެ. އެންމެފަހުން ހުންނެވި އެމްބެސެޑަރުގެ ދައުރު ހުސްވި އަހަރު ނިމުމަށްފަހު އައު އެމްބެސެޑަރަކު އަދި ނުފޮނުވައެވެ.

އެމެރިކާގެ ރައީސަކު އެންމެފަހުން ޕާކިސްތާނަށް ވަޑައިގެންނެވީ މީގެ ވިހި އަހަރު ކުރިންނެވެ. އެމެރިކާގެ ނާއިބުރައީސަކުވެސް ޕާކިސްތާނަށް ވަޑައިނުގަންންނަވާތާ ފަނަރަ އަހަރު ވެއްޖެއެވެ. މިހައި ދިގު މުއްދަތަކަށްފަހު ޖޭޑީ ވޭންސް ޕާކިސްތާނަށް ވަޑައިގެންނެވުމަކީވެސް އޭގެ ޒާތުގައި ތާރީޚީ ކަމެކެވެ. އިސްލާމްއާބާދުގައި އެމެރިކާޔާއި އީރާނުގެ މަޝްވަރާތައް ހޮނިހިރު ދުވަހު ފަށާއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ މި މަޝްވަރާތައް ކާމިޔާބުވާނެ ހެއްޔެވެ. ކާމިޔާބު ވުމުގެ އުންމީދު އޮތީ ކިހާވަރަކަށް ހެއްޔެވެ. އުންމީދު ސުމެކެވެ. ދެފަރާތުގެ މަންދޫބުންގެ ފަރާތުންވެސް މިހާތަނަށް އިވިގެންގޮސްފައިވަނީ މާޔޫސްވާންޖެހޭ ވާހަކަ ތަކެކެވެ. ޖޭޑީ ވޭންސްގެ ފަރާތުން އިވުނީވެސް އިންޒާރެކެވެ. އެމެރިކާޔާ ކުޅެން ނޫޅެއްޗެވެ. ރަގަޅު ނިޔަތެއްގައި އީރާނުން ވާހަކަ ދައްކަންޏާ ރަގަޅު ނަތީޖާއެއް ނެރެވިދާނެއެވެ. އެހެން ނޫނިއްޔާ އޭގެދެރަކަން އިސާހިތަކު އީރާނަށް ފެނިދާނެއެވެ.

އީރާނުގެ ވަފުދުގެ ވެރިޔާ މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވެފައިވަނީ އެމެރިކާއަކީ އިތުބާރު ކުރެވޭ ގައުމަކަށް ނުވާތީ އެމެރިކާގެ ކިބައިގައި ތެދުވެރި ނިޔަތެެއް އޮވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމުގައެވެ. މި މަޝްވަރާތަކުގައި އީރާނުން އެ ގައުމުގެ އިއްޒަތާއި ކަރާމާތް ނީލަމަށް ނުލާނޭ ކަމުގައެވެ. ލުބުނާނަށް ދެމުންދާ ހަމަލަތައް އިޒްރޭލުން ހުއްޓާނުލަންޏާ މަޝްވަރާތަކެއްވެސް ނުފަށާނޭ ކަމުގައެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެންމެފަހުން ދޫކޮށްލީވެސް ވަރަށް ޒާތެއްގެ އިންޒާރެކެވެ. ބުންޏެވެ. އީރާނުގެ މަންދޫބުން މާފޮނި ނުވައްޗެވެ. ދުނިޔޭގައި އެތިބީވެސް މި މަޝްވަރާޔަށް ޖާގަދޭން އެމެރިކާ ބޭނުންވާތީއެވެ. ޒާތްޒާތުގެ ބަހަނާ ދައްކަން ދިމާކޮށްފިނަމަ މީގެކުރިން ތަޖުރިބާ ނުކުރާ ކަހަލަ ވޭންތައް ކުރިމަތިކޮށްފާނަމެވެ. ކަލޭމެން ތިޔަ ކިޔާ ދިހަ ނުގުތާގެ ހުށައެޅުމަކީ ކަލޭމެން ދެކޭ ހުވަފެނެކެވެ. އަހަރެމެން ބަލައިގަންނަ އެއްޗެއް ނޫނެވެ. ކޮންމެއަކަސް ބަސްމަގު އެހެރީ މިފަދައިންނެވެ. ދެންއޮތީ ވާނެ އެއްޗެއް ބަލަން ތިބުމެވެ.