އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން މިރޭ ކުޅުނު މެޗުގައި ބޯންމައުތު ކައިރިން ބަލިވެއްޖެއެވެ.

އާސެނަލުން އަމިއްލަ ދަނޑުގައި މިއަދު ބޯންމައުތު އަތްދަށުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުން ބަލިވުމާއެކުވެސް އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ 32 މެޗުން 70 ޕޮއިންޓާއެކުގައެވެ.

އެއްވަނައިގައި އާސެނަލަށް ނުވަ ޕޮއިންޓް ލީޑެއް ލިބިފައި އޮތް ނަމަވެސް، އެޓީމު މިހާރު ޕްރެޝަރު ހާލަތެއްގައި އޮތީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ދެމެޗު މަދުން ކުޅެފައި އޮތުމުންނެވެ. ސިޓީން 61 ޕޮއިންޓާއެކު ދެވަނައިގައި އޮތީ 30 މެޗު ކުޅެގެންނެވެ. ސިޓީން މިހަފުތާގައި ކުޅޭ މެޗުގައި މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު، އެމެޗުން މޮޅުވެ، ހަ ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެއެވެ.

އޭގެފަހުން އަނެއް ހަފުތާގައި ސިޓީއާއި އާސެނަލް ލީގުގައި ކުރިމަތިލާ އިރު، މިހާރު އޮތް ހިސާބުން އެމެޗު ވެގެންދާނީ ދެޓީމަށްވެސް ޕްރެޝަރު މެޗަކަށެވެ. ހާއްސަކޮށް އާސެނަލުން ލީގު ހޯދަން ކުރާ މަސައްކަތުގައި އެންމެ މުހިއްމު މެޗަށެވެ.

މިއަދުގެ މެޗަކީ ނުވަ މެޗު ފަހުން އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. މެޗުގެ ކުރީކޮޅުގައިވެސް ބޯންމައުތުން ބޮޑަށް ނުރައްކާ ކޮށްފައިވާ އިރު، މެޗުގެ 17 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑުވެސް ނަގައިފައެވެ. އެ ގޯލް ޖަހައިދިނީ އެލީ ޖޫނިއާ ކްރޯޕީއެވެ. އޭނާ ގޯލް ތެރެއަށް ވައްދާލީ ރިފްލެކްޝައެއްގައި ލިބުނު ބޯޅައެކެވެ.

މިއީ ކްރޯޕީގެ ފުރަތަމަ ސީޒަނެވެ. މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ 10 ގޯލް ޖަހައިފައެވެ.

އާސެނަލްގެ އެޓޭކްތައް ދަށްކޮށް ފެނިގެން ގޮސްފައިވާ އިރު، އެޓީމަށް އެއްވަރުކުރެވުނީ ލިބުނު ޕެނަލްޓީއެއްގައެވެ. ބޯންމައުތުގެ ރަޔަން ކްރިސްޓީ އޭރިއާ ތެރެއިން ބްލޮކް ކުރި ބޯޅައެއްގައި އޭނާ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީގައި މެޗު އެއްވަރުކުރީ ވިކްޓޯ ޔޯކެރޭޝްއެވެ.

އާސެނަލުން މެޗުގެ ތިން ޕޮއިންޓަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، ތިން ޕޮއިންޓް ޔަގީންކުރީ ބޯންމައުތުންނެވެ. އެޓީމު މެޗުން މޮޅުވި ގޯލް ޖަހައިދިނީ އެލެކްސް ސްކޮޓެވެ.