ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ނެގި، ފެންނަ ނުފެންނަ ވޯޓަށްފަހު، އިދިކޮޅު އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް ހައްލު ކުރެއްވުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި މަސައްކަތްތަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

އެކަމަށްޓަކައި ނަޝީދު ފައްޔާޒަށް ޝުކުރު އަދާކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ނަޝީދުގެ ޕޯސްޓުގައި އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް ވަނީ މަރުހަބާ ދަންނަވައިފައެވެ.

އެމްޑީޕީ ތެރޭގައި ހިޔާލުވުންތަފާތުވެ މައްސަލަ ބޮޑުވީ، މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލސާގައި ނަޝީދާއި ފައްޔާޒަށް ވާހަކަދައްކަވަން ފުރުސަތު ނުދިނުމުންނެވެ.

އެ މައްސަލައިގައި ނުރުހުން ފާޅުކުރުމުގެ ގޮތުން ނަޝީދާއި ފައްޔާޒުގެ އިތރުން އެ ދެ ބޭފުޅުންގެ ތާއީދުކުރާ ބައެއް އެކްޓިވިސްޓުން އެރޭގެ ޖަލްސާ ބޮއިކޮޓްކުރިއެވެ.

އެ މައްސަލަ އިތުރަށް ހޫނުވީ، ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ހެޑް އަހުމަދު މައުރޫފް މަގާމުން ވަކިކުރުމާ ގުޅިގންނެވެ.

އެ މައްސަލައިގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމުގައި މިހާރު ހުންނެވި، ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) މަގާމުން ދުރުކުރުމުގެ މަސައްކަތް ވެސް ފަށައި 55 މެންބަރުންގެ ސޮޔާއެކު ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ގައުމީ މަޖިލީހަށްވެސް ހުށަހަޅައިފައެވެ.

ނަމަވެސް، ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން އިބޫގެ އުފަން ރަށް، ޅ. ހިންނަވަރުގައި ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވެސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯއްދަވަން އެ ޕާޓީގެ ހުރިހާ ލީޑަރުން މަޝްވަރާ ކުރައްވައި، މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ އެތެރޭގައި ޖެހުނު މައްސަލައަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނައި ކަމަކަށް ވެއްޖެ ކަމަށެވެ. ނަމަވެސް ޕާޓީގެ ހުރިހާ ލީޑަރުން މިހާރު އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.