ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމީނީމަގުގެ ހުޅަނގުން ހަލާކުވެފައިވާ ތާރުގަނޑު މަރާމާތުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އަމީނީމަގުގެ ހުޅަނގުގައި ތާރުގަނޑުގެ ބައެއް ބައިތައް ހަލާކުވެފައިވާތީ، އާންމުން ކަންބޮޑުވުންތައް ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ސަރަހައްދުގެ ތާރުގަނޑުގެ ބޮޑުބައެއް ވަނީ މަރާމާތުކުރަން ޖެހިފައެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު"ގެ ރޭގެ ޕްރޮގްރާމްގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ ގިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށްބޮޑަށް މަރާމާތު ކުރަން ޖެހިފައިވާ ކަމަށެވެ.
އެހެންކަމުން އެ މަގުގެ މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ މަޝްވަރާކޮށްފައިވާ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ކުރިއަށްއޮތް ދެ ހަފުތާތެރޭގައި އެ މަގުގެ މަސައްކަތް ފެށޭނެ ކަމަށް ނަޒީމް ވިދާޅުވިއެވެ.
"މި ބަލަނީ ކުރިއަށްއޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްގެ ތެރޭގައި މިހާރު އެތާނގައި އޮތް ތާރުގަނޑު ނަގާފައި އަލުން އެތަނުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްގެންދަން. ދެން އެ ތަނުގައި މަސަތްކަތް ކުރެވެމުންގެންދާ އިރުގައި ޓެކްނިކަލީ ބަލަންޖެހޭ ހުރިހާ މިންގަނޑުތަކެއް ސަމާލުކަމާއެއްކޮށް ބަލައި، ދެން ތާރު އެޅިގެންދާއިރުގައި ރަނގަޅު ފެންވަރަކަށް އެ މަސައްކަތް ކުރެވިގެންދާނެގޮތަކަށް ކަންކަން ރާވައިގެން ގެންދާނީ،" އޭނާ ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ މަރާމާތުގެ މަސައްކަތަށް ރާއްޖެއިން ބޭރުން އިންޖިނިއަރުން ގެނައުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށާއި އެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމީނީމަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022 ގައެވެ. އެއީ 84.4 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަގުގެ މަސައްކަތް ނިންމައި ހުޅުވީ މި ސަރުކާރުން 12 ޖެނުއަރީ 2024 ގައެވެ.
ފާތިމަތު ލިއުޝާ
މަގު ހެދުން
މަގު ހެދުން
މަގު ހެދުން