ހުޅުމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި ވަގުތީގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި މަރާމާތުކުރުމަށް ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި ވަގުތީގޮތުން ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އިން 18 ގެ ނިޔަލަށް ކަމަށެވެ.

ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ މަގުތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ ސަރަހައްދު ބަންދުކޮށްގެން މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކަމަށް އެޗްޑީސީން ބުންޏެވެ.

މަރާމާތުކުރުމަށް ވަގުތީގޮތުން ބަންދުކުރާ ސަރަހައްދު --

މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ކޮންމެވެސް ވަރަކަށް އަޑުގަދަވުމާއި، ރޯލަރުގެ ވައިބްރޭޝަން އިހުސާސްވުމުގެ އިތުރުން ހިރަފުސް އެރުން އެކަށީގެންވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެހެންކަމުން އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުންނާއި އެ ސަރަހައްދު ބޭނުންކުރާ އާންމު ރައްޔިތުން އެކަންކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މަސައްކަތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. އަދި ހުޅުމާލޭގެ ތަރައްގީއަށް ކުރިއަށްގެންދާ މިފަދަ މުހިންމު މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.