މިމަހުގެ އަށަކުން މިއަދުގެ ނިޔަލަށް އިންޑިއާގެ ޝިމްލާގައި ކުރިއަށްދާ ދެކުނު އޭޝިއާ ޔޫތު ޓީޓީ މުބާރާތުގެ 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ މުހައްމަދު ހަލަފް ރާފިއުއާއި އައިޝަތު އަލްސާ ނާފިޒްގެ ޕެއާއިން ފައިނަލަށް ދަތުރުކޮށް މެޑަލް ޔަގީންކުރި އިރު، 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލަށް ދީމާއާއި ހަލަފްގެ ޕެއާއިން ދަތުރުކޮށްފިއެވެ.

އިންޑިއާގައި ކުރިއަށްދާ ޓީޓީ ޔޫތު މުބާރާތަކީ އަންނަ ޖޫން މަހު އޮމާންގެ މަސްކަޓްގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަން މުބާރާތެއްވެސް މެއެވެ. މުބާރާތުގައި ރާއްޖޭން ވާދަކުރަނީ 15 އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީ އާއި 19 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގައެވެ.

އިއްޔެގެ މެޗުތަކަށް ނުކުތް އިރު، ރާއްޖޭން އޮތީ 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުން ރިހި މެޑަލް ޔަގީންކޮށްފައެވެ.

އިންޑިޖުއަލް އިވެންޓުތައް އިއްޔެ ފަށާފައިވާ އިރު، 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭން ފުރަތަމަ ކުޅުނީ ސެމީ ފައިނަލްގައެވެ. އެއީ ރޭންކިންއަށް ބަލައި، ކުއާޓާ ފައިނަލުގައި ކުޅެން ނުޖެހުމުންނެވެ. ސެމީ ފައިނަލުގައި ރާއްޖޭގެ ޕެއާއިން ވަނީ ސްރީ ލަންކާގެ ސަނޯން މެނުވެލްގޭއާއި ޗަނުކީ ކަރިޔަވަސަމް ކައިރިން 3-1 ސެޓުން މެޗު ގެންގޮސްފައެވެ.

ފުރަތަމަ ސެޓު ލަންކާ ޕެއާއިން 11-7 އިން ގެންދިޔަ އިރު، ދެން ކުޅުނު ތިން ސެޓު ގެންދިޔައީ ހަލަފާއި އަލްސާގެ ޕެއާއިންނެވެ. އެއީ 11-5، 11-8 އަދި 12-10 އިންނެވެ.

ޔޫތު ކެޓަގަރީ ކަމަށްވާ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ފައިނަލަށްވެސް ހަލަފް ދަތުރުކުރި އިރު، އޭނާގެ ޕާޓްނަރަކީ ފާތިމަތު ދީމާ އަލީއެވެ. އެ ޕެއާއިން ވަނީ ސެމީގައި ސީދާ ތިން ސެޓުން ބަންގްލަދޭޝްގެ އަބްދުލް ހަސީބާއި ކޯއީ ސާއީގެ ޕެއާ ބަލިކޮށްފައެވެ.

އެއީ 11-2، 11-6 އަދި 11-9 އިން ސެޓުތައް ގެންގޮސްގެންނެވެ. ދީމާއާއި ހަލަފްގެ ޕެއާގެ އިތުރުން އަލްސާއާއި ހަލަފްގެ ޕެއާއިންވެސް މިއަދު އޮންނަ ފައިނަލްތަކުގައި ނުކުންނާނީ އިންޑިއާ ޕެއާތަކާ ދެކޮޅަށެވެ.

އިތުރު ނަތީޖާތަކަށް ބަލާ އިރު، ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޕެއާ ކަމަށްވާ މިޝްކާ މުހައްމަދު އިބްރާހިމާއި ދީމާގެ ޕެއާ ސެމީން ބަލިވީ އިންޑިއާގެ ޕެއާ އަތުންނެވެ. 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގައި ހަލަފާއި ފާޒް އިމްޔާޒް ލަތީފް ކެޓީ ކުއާޓާއިންނެވެ. އަންހެން 15 އަހަރުން ދަށުގެ ޑަބަލްސްއިން އަލްސާއާއި އައިޝަތު މަލަކް ތާސީންގެ ޕެއާވެސް ކެޓީ ކުއާޓާއިންނެވެ.

މިއަދު ސިންގަލްސް އިވެންޓުތައްވެސް އޮންނަ އިރު، އަލްސާއާއި ދީމާގެ ކުއާޓާ މެޗުތައް މިއަދު އޮންނާނެއެވެ.