ޗެލްސީ ދޫކޮށްލަން ވިސްނާކަމުގެ އިޝާރާތެއް ކުރުމުން އެންޒޯ ފެނާންޑޭޒްއަށް އެޅި ފިޔަވަޅު ލުއިކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ކޯޗު ލިއަމް ރޮސެނިއާ ބުނެފިއެވެ.

އުމުރުން 25 އަހަރުގެ އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ، ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔަ މެޗަށްފަހު ބުނީ ވޯލްޑް ކަޕް ފަހުން ޗެލްސީގެ ކުރިމަގާ މެދު ވިސްނާނެ ކަމަށެވެ. އަދި ސްޕެއިންގައި ދިރިއުޅެން އަބަދުވެސް ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

އެ ވާހަކަތަކާ ގުޅިގެން ޗެލްސީގެ ކޯޗު ރޮސެނިއާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެއީ އެންޒޯއަކީ ޗެލްސީގެ އެސިސްޓެންޓް ކެޕްޓަން ކަމަށްވެސް ވުމާއެކުގައެވެ. އަދަބު ދިނުމުގެ ގޮތުން ރޮސެނިއާ ނިންމާފައިވަނީ އެފްއޭ ކަޕްގައި ޕޯޓް ވޭލްއާއި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ސްކޮޑުން އެންޒޯ ބޭރުކުރުމަށެވެ.

އެންޒޯއާ ނުލައި ޗެލްސީން ވަނީ ޕޯޓް ވޭލް ކައިރިން މޮޅުވެފައެވެ. ދެން އޮތީ ސިޓީ މެޗެވެ. އެ މެޗަކީ ޗެލްސީއަށް މުހިންމު މެޗެއް ނަމަވެސް، އެންޒޯ އަލުން ފުރަތަމަ 11 އަށް ނެރުމަށް ރޮސެނިއާގެ ވިސްނުމެއް ނެތެވެ.

"އަހަރެން އެންޒޯއާ ދެތިން ހަތަރު ފަހަރު މަތިން ވަރަށް ރަނގަޅަށް ވާހަކަދައްކައިފިން. އަހަންނާއި ކްލަބަށްވެސް އެންޒޯ ވަނީ މައާފަށް އެދިފައި. އެކަމަކު ދެން އެ ވާހަކަދައްކާނީ ސިޓީ މެޗަށްފަހު. ކުރިންވެސް ބުނިހެން ސިޓީއާ ދެކޮޅަށް އެންޒޯ ނުކުޅޭނެ،" ރޮސެނިއާ ބުންޏެވެ.

ޗެލްސީ މިވަގުތު ތާވަލުގެ ހަވަނައިގައި އޮތް އިރު، ރޮސެނިއާ ބުނީ މިވަގުތު ފޯކަސްއަކީ ޗެމްޕިއަންސް ލީގު ކޮލިފިކޭޝަން ކަމަށެވެ.

އެންޒޯއަކީ ޗެލްސީން ރެކޯޑު ޓްރާންސްފާއެއްގައި ކްލަބަށް ގެންދިޔަ ކުޅުންތެރިއެކެވެ. އެންޒޯގެ އެއްބަސްވުން 2032 ވަނަ އަހަރާ ހަމައަށް ދެމިގެންދާ އިރު، އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.