ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައިވި ނަމަ، ބޯނަސް ހޯދަން ކުރީބައިގައި އެއްވެސް ކުޅުންތެރިޔަކު އެދިފައި ނުވާ ކަމަށް އިޓަލީގެ ކެޕްޓަން ޖިއާންލުއީޖީ ޑޮނަރޫމާ ބުނެފިއެވެ.

އިޓަލީއަށް އަނެއްކާވެސް ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައިވާ އިރު، އެޓީމުން 2014 ވަނަ އަހަރު ފަހުން އަދި ވޯލްޑް ކަޕްގައި ކުޅެފައެއް ނުވެއެވެ. މިފަހަރުވެސް ކޮލިފިކޭޝަނަށް ގޮސް، ކަޓައިގެން ދިޔައީ އެންމެފަހު މެޗުގައި ބޮސްނިއާ ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ.

އެކަމުގެ ހިތްދަތިކަމުގައި ޓީމު އޮއްވާ، އެގައުމުގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެމެޗުގެ ކުރިން ބައެއް ކުޅުންތެރިން ބޯނަހަށް ޑިމާންޑް ކުރި ކަމަށާއި، މެޗަށް ނުކުތްއިރު އެ ޑިމާންޑަށް ފެޑަރޭޝަނުން ޖަވާބު ނުދީ އޮތް ކަމަށެވެ. އަދި އެއީ ކުޅުންތެރިންގެ ހިތްވަރު އެލުނު ކަމެއް ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.

ހަބަރުތަކުން އެހެން ރިޕޯޓު ކުރުމާއެކު ޑޮނަރޫމާ ވަނީ އެކަން ދޮގު ކޮށްފައެވެ. ޑޮނަރޫމާ ބުނީ ކުޅުންތެރިންނަކީ ގައުމީ ޖާޒީއަށް މަރުދޭނެ ކުޅުންތެރިން ކަމަށާއި، އެކަހަލަ ވާހަކައެއް ފެތުރުމުން އެކަމާ ހިތްދަތިވި ކަމަށެވެ.

"ގައުމީ ޓީމަށް ކުޅެގެން އަހަރެންވެސް އަދި އެހެން ކުޅުންތެރިޔަކުވެސް އެންމެ ޔޫރޯއެއްވެސް ބޭނުމެއް ނޫން. ބައެއް ފަހަރު މުބާރާތްތައް ނަގައި، ކޮލިފައިވެ، އަދި މުހިއްމު މޮޅުތައް ހޯދުމުން ބޯނަސް ދިނުން އެއީ ކުޅުންތެރިން އެދިގެން ކުރާ ކަމެއް ނޫން. އަހަރެން ޔަގީންކަން ދެން ކޮލިފިކޭޝަން ފަހު މެޗު ކުރިން އެއްވެސް ކުޅުންތެރިޔަކު އެކަހަލަ އެއްވެސް ކަމަކަށް ޑިމާންޑެއް ނުކުރާ،" އުމުރުން 27 އަހަރުގެ މެންޗެސްޓާ ސިޓީ ކީޕަރު، ޑޮނަރޫމާ ބުންޏެވެ.

ޑޮނަރޫމާ ބުނީ އެމެޗުން ކުޅުންތެރިންނަށް ލިބެން އޮތް ހަދިޔާއަކީ ވޯލްޑް ކަޕް ޖާގައެއް ކަމަށާއި، އެކަން ނުވުމުން ހިތް ފަޅައިގެން ދިޔަ ކަމަށެވެ. އަދި އިޓަލީ އަލުން ފަށަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.