ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި "އުދަރެސް" ބޯޓު އަޑިއަށް ދިޔަ ހާދިސާގައި، އެ ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި އެ ބޯޓު އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ހާދިސާ ހިނގި އިރު ބޯޓުގައި ޖުމުލަ 13 މީހުން ތިބިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހާދިސާގައި ބޯޓުން ދަތުރުކުރި 12 މީހަކު ސަލާމަތްވެފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ބޯޓުގައި ހުރި ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެލި ރިސޯޓަށް އަރާފައެވެ. އަދި ބޯޓުގައި ތިބި އިތުރު 11 މީހަކު އެ ރިސޯޓުގެ ދޯންޏަކުން ވަނީ ސަލާމަތްކޮށްފައިކަމަށް ފުލުހުން ބުންޏެވެ.

ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންކަމަށް ފުލުހުން ބުންޏެވެ.

އެ 12 މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެބެ.

ނަމަވެސް، ގެއްލިގެން ހޯދަމުންދާ ދިވެހި މީހާގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ގިނަ އަދަދެއްގެ މުދާތައް މިހާރު ދަނީ އޮޅުވެލީގެ ހުޅަނގު ފަރާތަށް އޮޔާދަމުންނެވެ.

އެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.