ގައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ ގޮތެއްގައި އަޅާލެވިފައިނުވާތީ، އެކަމުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ފާހަގަކޮށްފިއެވެ.

ފުޓްސަލްއަކީ މިދިޔަ ހަތް ވަރަކަށް އަހަރުވެސް ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރެވެ. ފުޓްސަލްއަކީ މިހާރު ސަރަހައްދީ ލެވެލްއަށް ބަލާއިރު، ރާއްޖެ އެންމެ ކުރީގައިވެސް އޮތް ކުޅިވަރެވެ. އެގޮތުން ދާދިފަހުން ތައިލެންޑްގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. އެއީ ސަރަހައްދީ ހުރިހާ ގައުމެއްވެސް ބަލިކޮށްފައެވެ.

އެ ކާމިޔާބީއާއެކު، ސަރުކާރުން ވަނީ ފުޓްސަލް އެރީނާގެ މަސައްކަތް އަވަސް ކުރާނެކަން ހާމަކޮށް، ފުޓްސަލް ކުޅުންތެރިންނަށް މުސާރަ ހިނގާނެ މަގުވެސް ތަނަވަސްކޮށްދޭނެ ކަމަށް ބުނެއެވެ. އެހެން ނަމަވެސް، އެކަންކަމުގައި ލަސްތަކެއް ހުރުމާއި، އިންޑޯގެ ވަސީލަތްތައް ބޭނުންކުރަން ފުރުސަތު ދިނުމުގައި ހުރި ތަފާތުކުރުންތަކަށް އިޝާރާތްކޮށް، ކެޕްޓަން އިމްރާން ވަނީ އަޑު އުފުލައިފައެވެ.

ފުޓްސަލް ގައުމީ ޓީމުން މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިން އާއި މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މާލޭގައި ޕްރެކްޓިސް ކުރަން އިންޑޯއެއް ލިބިފައި ނުވާ އިރު، ސާފް ކުރިން ކޭމްޕް ކުރީ ޗައިނާގައެވެ. އެފަހަރު އިންޑޯގެ ވަސީލަތް ރާއްޖޭން ތަނަވަސް ނުވެ އޮއްވާ، ދާދި ފަހުން، ހޭންޑްބޯޅަ ގައުމީ ޓީމުގެ އިވެންޓަކަށް ވަނީ ސޯޝަލް އިންޑޯ ބޭނުން ކޮށްފައެވެ.

ދެތިން އަހަރު ކުރިން ފުޓްސަލް ޓީމުން އިންޑޯގައި ފަރިތަކުރި ނަމަވެސް، އޭގެފަހުން ފުޓްސަލްއަށް އެ ފުރުސަތު ނެތުމުން، ކެޕްޓަން ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެކަން ފާހަގަކޮށްފައެވެ.

"ފުޓްސަލް ނެޝަނަލް ޓީމު ވީމަ: ޕްރެކްޓިސް ކޮށްލަން އިންޑޯއެއް ނުލިބޭ، ނެޝަނަލް ޓީމުތަކަށް ދޭން އޮންނަ ސެލަރީ/އިންޝުއަރެންސް އެއް ނުލިބޭ. ގޯލްޑެއް ހިފައިގެން އައީމަ އެކަމަށް ދޭން ޖެހޭ ބޯނަސް ދޭނެ ދުވަހެއް ނޭނގޭ. ސަރަހައްދުގެ ހުރިހާ ގައުމެއް ބަލިކޮށްފައި ފަހުރުވެރި އެއްވަނަ ހޯދައިގެން ރާއްޖެ އައިއިރު ގައުމުގެ ހުރިހާ އިސްވެރިން ބިޒީ ވެގެން އެކަމުގެ އުފަލުގައި ބައިވެރިނުވެވުނު،" އިންމި ފާޅުކުރި ހިޔާލުގައި ވެއެވެ.

ފުޓްސަލް ޓީމުގެ މުސާރައަކީ ބޮޑު ޝަކުވާއަކަށްވެފައިވާ އިރު، މީގެ ކުރިން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، މުސާރަ ނުދެވި އޮތީ ކްރައިޓީރިއާގެ ސަބަބުން ކަމަށެވެ. އެއީ ފުޓްސަލް ގައުމީ ލީގެއް ނޫނީ މުބާރާތެއް ނުބޭއްވޭތީ ކަމަށް ފާހަގަވިއެވެ. އެހެން ނަމަވެސް، އެ މުރާޖާ ކުރުންވެސް މިހާރު ވަނީ މާ ބޮޑަަށްވެސް ދިގުލައިގެން ގޮސްފައެވެ.

ފުޓްސަލްގެ ގައުމީ ފެންވަރު މުބާރާތްތަކެއް ބާއްވަން އެފްއޭއެމްއިން ތާވަލު ކޮށްފައިވާ އިރު، މިއީ އެފްއޭއެމްގެ އާ އިސް ނެގުމެކެވެ. އެހެން ނަމަވެސް މިހާރުވެސް ގައުމީ ޓީމުން މުބާރާތްތަކުގައި ތަމްސީލުކުރަމުންދާ އިރު، އެ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކުޅުންތެރިންގެ އިނާޔަތްތައް ނުލިބޭ ކުޅުންތެރިންގެ ގޮތުގައި ތިބުން އެއީ ބޮޑު ކަންބޮޑުވުމެކެވެ. އެކަމަށް ހައްލު ހޯދޭނެ މަގެއް ނެތުން އެއީ ގިނަ ކުޅުންތެރިން ފާޅުކުރަމުންދާ ބޮޑު ކަންބޮޑުވުމެއްވެސް މެއެވެ.