އެމެރިކާއާއި އިޒްރޭލް އިސްވެ އީރާނަށް ދިން ހަމަލާގެ ސަބަބުން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އިގްތިސޯދީ ގޮންޖެހުންތައް ކުޑަކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުން ހަރަދުކުޑަކުރުމުގެ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އަޅަން އަންގައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ ސަރުކާރު ކުންފުނިތަކަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުގައިވެސް އަންގައިފައެވެ.

އޭގެ އިތުރުން ޕީސީބީން މިއަދު ސަރުކާރު ކުންފުނިތަކަށް ފޮނުވި އިތުރު ސާކިއުލާއެއްގައިވަނީ ހަރަދުކުޑަކުރުމުގެ ގޮތުން އަޅަންވީ 12 ފިޔަވަޅެއް ހިމަނައިފައެވެ.

ޕީސީބީން، ސަރުކާރު ކުންފުނިތަކަށް އެންގި ކަންތައްތައް:

  • މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރަން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން
  • ރަސްމީގަޑީގައި މަސއްކަތްތައް ނިންމޭ ގޮތަށް ކަންކަން ރޭވުން. ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ނޫނީ އިތުރު ގަޑީގެ މަސައްކަތް ނުކުރުން
  • ކުންފުނިތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުން. އެ ކުންފުންޏަކުން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތައް ކަމަށް ވިޔަސް އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދަން ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުން
  • މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރުން
  • ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބުނާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ނުކުރާކަން ޔަގީން ކުރުމުގެ ފިޔަވަޅުތައް އެޅުން
  • މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް، ފިޔަވަޅުތައް އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އަޅަން ސަމާލުކަން ދިނުން
  • ކޮންމެހެން ބޭނުންވާ ހަފުލާތައް ނޫނީ ނުބޭއްވުން
  • ރާއްޖެ އިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން. އޭގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވުން
  • ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާ ވެސް ބޮޑަށް ކުޑަކުރުން
  • ރާއްޖެ އިން ބޭރަށް ކުރާ ތަމްރީނު ދަތުރުތައް ހުއްޓާލައި، އޮންލައިންކޮށް އެ ތަމްރީނުތަކުގައި ބައިވެރިވުން
  • ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ފެރީތަކުގައި ކުންފުނިތަކުގެ މުވައްޒަފުން ދަތުރުކުރުން
  • ކުންފުނިތައް ހިންގަން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ އެ ނިޒާމު ބޭނުންކުރުން

ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ދަތިތަކުން އަރައިގަތުމުގެ ގޮތުން ސަރުކާރުންވެސް ދަނީ ހަރަދުކުޑަ ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުންނެވެ.