އެމްޑީޕީގެ އެތެރޭގެ އެއްބައިވަންތަައްކަން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)އަށް ނުދެމެހެއްޓުނުކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދިފައިވާ މި ދަނޑިވަޅުގައި ފައްޔާޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިހާބުން ދައްކުވައިދެނީ ރައްޔިތުން އިސްލާހު ބޭނުންވެފައިވާ މިންވަރުގެ އިތުރުން، އިސްލާހީ މަސައްކަތައް އެމްޑީޕީގެ ފަރާތުން ރައްޔިތުންކުރާ އުންމީދު ކަމަށެވެ.

އެހެންކަމުން ރައްޔިތުން ބޭނުންވާ ގޮތަށް ޕާޓީ ބަދަލުވާންޖެހޭކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެކަން ކުރެވޭނީ ހާމަކަންބޮނޑު އަދި ދެފުށް ފެންނަށް ޗެއާޕާސަން އިންތިހާބެއް ބާއްވައިގެންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މި ބޮޑު ކާމިޔާބީއާ ހަމައަށް ވާސިލުވީއިރު އޮތް އެއްބައިވަންތަކަން ދެމެހެއްޓުމުގައި މިހާރުގެ ޗެއާޕާސަން ނުކުޅެދިއްޖެ. އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރުމުގައި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވާން މަޖުބޫރުވެއްޖެ. އެހެންވެ މިހާރުގެ ޗެއާޕާސަން މަގާމުން ވަކިކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ސޮއިކޮށްފިން" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީން ގަބޫލުކުރާ އަސާސްތަކުގައި މަތީގައި އަލުން އެ ޕާޓީގެ ބިންގާ އަޅަން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ނިޒާމީ އިސްލާހުތަކެއް ނުގެނެންޏާމުން، މާޒީ އިއާދަވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. ރާއްޖެ އިސްލާހުކުރަން ބޭނުންވާ ނަމަ، ފުރަތަމަ އިސްލާހު ކުރަންޖެހޭނީ އެމްޑީޕީކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ދަނީ ސޮއި ހޯދަމުންނެވެ. އެ ޕެޓިޝަންގައި މިހާތަނަށް 55 މެންބަރުންވަނީ ސޮއިކޮށްފައެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ގަޕޯ ދުރުކުރުމުގެ މަސައްކަތް ފެށުނީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ރައީސް މުހައްމަދު ނަޝީދަށް ނުދޭން ނިންމުމުންނެވެ.

އޭގެ ފަހުން ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ހެޑް އަހުމަދު މައުރޫފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އެމްޑީޕީގެ ތެރޭގައި ގިނަ ފެކްޝަންތަކެއް އުފެދިފައިވާ އިރު، އެންމެ ބޮޑު ދެ ފެކްޝަނަކަށް އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނެވެ.