އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާއެކު ގައުމީ މަޖިލީހަށް މިއަދު ވަނީ ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ގަފޫރު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ "އިސްތިއުފާއެއް ނުދޭނަން، ވޯޓު ނަންގަވާ" ކަމަށެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ގަފޫރު ދުރުކުރުމުގެ މަސައްކަތް ފެށުނީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ރައީސް މުހައްމަދު ނަޝީދަށް ނުދޭން ނިންމުމުންނެވެ.

އޭގެ ފަހުން ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ހެޑް އަހުމަދު މައުރޫފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އެމްޑީޕީގެ ތެރޭގައި ގިނަ ފެކްޝަންތަކެއް އުފެދިފައިވާ އިރު، އެންމެ ބޮޑު ދެ ފެކްޝަނަކަށް އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނެވެ.